އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރަނީ
އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރަނީ
މި އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދު ބަންދުގައި ވެސް ޕާސްޕޯޓާއި ގުޅުންހުރި ހިދުމަތްތައް ދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެދުވަސްތަކުގައި 'އިމުގާ' ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އަޟްހާ އީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ޕާސްޕޯޓު ނެގުމަށް ނަމްބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އާ ހަމައަށް ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި ހިދުމަތް ލިބެން ހުންނާނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުންނެވެ.

އިމިގްރޭޝަނުން ބުނީ އީދު ބަންދުގައި ވިސާގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރާ ބިދޭސީންނަށް އެކަނި ކަމަށެވެ. އެހެންނަމަވެސް، ރާއްޖެއަށް އަންނަ ފަރާތްތަކަށް 'އިމުގާ' ޕޯޓަލް މެދުވެރިކޮށް "ސްޕޮންސަޝިޕް ޑެކްލަރޭޝަން" އަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނުގެ ހިދުމަތްތައް ހައްޖު ދުވަހާއި އީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:00 އިން ހަވީރު 4:00 އަށް ލިބެން ހުންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

މީގެ އިތުރުން މާލޭގެ ސީޕޯޓު ޑިވިޝަނުގެ ހިދުމަތް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި ހުކުރު ދުވަހު މި ހިދުމަތް ލިބޭނީ މެންދުރުފަހު 2:30 އިން ރޭގަނޑު 10:00 އާ ހަމައަށް ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ހައްޖު ދުވަސް އަދި އީދާ ގުޅިގެން މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފްތާގެ ހޯމަ ދުވަހާ ހަމައަށް ސަރުކާރު ބަންދުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން