ފަރާ ޚާން ރާއްޖޭގައި، ފޮޓޯ: އެމްއެމްޕީއާރްސީ
ފަރާ ޚާން ރާއްޖޭގައި، ފޮޓޯ: އެމްއެމްޕީއާރްސީ
ރާއްޖޭގެ ރަށްރަށުގެ ދިރިއުޅުމާއި އީދު ކުޅިވަރުތައް ތަޖުރިބާ ކޮށްލުމުގެ ގޮތުން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން ރާއްޖެ އައިސްފިއެވެ.

މި މަޢުލޫމާތު ހާމަކޮށްފައިވަނީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތް ކުރާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިންނެވެ.

އެމްއެމްޕީއާރުސީން ބުނީ ފަރާއަށް ރާއްޖޭގެ ހަގީގީ މެހުމާންދާރީ އަދާކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގައި މިފަހަރު ބާއްވާ ބޮޑު އީދުގެ ކުޅިވަރުތައް ޝޫޓުކުރުމަށް މި މަހުގެ ފަހުކޮޅު ފަރާ ރާއްޖެއަށް އަންނާނެ ކަމަށް މީގެ ކުރިން އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ފަރާއާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށްވެސް އެމްއެމްޕީއާރްސީން ވަނީ ހާމަކޮށްފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ބައެއް ރަށްރަށުގެ ރީތި ސަގާފަތް "ކޮމެޑިކް ނެރޭޓިވް" އަކުން ގެނެސްދޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ. ނަމަވެސް ފަރާ ދަތުރުކުރާނެ ވަކި ރަށްތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ހަމަ މިފަދައިން ރަށްފުށުގެ ދިރިއުޅުން ތަޖުރިބާ ކޮށްލަން މަޝްހޫރު އިންފްލުއެންސާރ ޚާލިދު އަލް އަމޭރީ އަށްވެސް ދައުވަތު އަރުވައި، ރާއްޖެ ގެނެސްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން