ސަނީސައިޑް އޮފް ލައިފް ގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ބޮލީވުޑުގެ ކެޓްރީނާ ކައިފް ހަމަޖައްސާފައިވާކަަން މިއަދު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީ އަދި ވިޒިޓް މޯލްޑިވްސް އިން ވަނީ އިއުލާންކޮށްފައެވެ.

އެމްއެމްޕީއާރްސީ އަދި ވިޒިޓް މޯލްޑިވްސް އިން ބުނީ މި ޕާޓްނާޝިޕްގެ މަޤްސަދަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ކަނޑުގެ ހިތްގައިމު ދިރުންތަކާއި، ޚާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ ގިނަ ފަތުރުވެރިންނަށް ހިތްވަރު ދިނުމެވެ.

މިކަމާ ގުޅިގެން ކެޓްރީނާ ބުނީ ދިވެހިރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއްކަމަށާއި، ސަނީސައިޑް އޮފް ލައިފް ގެ އެމްބެސެޑަރަކަށް ހޮވުމަކީ އޭނާއަށް ލިބުނުވަރަށްބޮޑު ޝަރަފެއްކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ މަޤްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ދަތުރުފަތުރުގެ އެންމެ ފުރިހަމަ ތަޖުރިބާތައް ލިބެނީ ދިވެހިރާއްޖެއިންކަން ދައްކުވައިދިނުންކަމަށް ކެޓްރީނާ ބުނެފައިވެއެވެ.

ބޮލީވުޑުން މަޝްހޫރުކަން ހޯދި ކެޓްރީނާ ކައިފް އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. ފިލްމީ ތަރިއެއްގެ ގޮތުގައި އިންޑިއަން ސިނަމާއަށް ކެޓްރީނާ ކޮށްދީފައިވާ ފުރިހަމަ ޚިދުމަތްތަކާއިއެކު، އެތައްބައެއްގެ ލޯބި ލިބިފައިވާ ކެޓްރީނާ އަކީ މިހާރު މަޝްހޫރު ވިޔަފާރިއެއްވެސްމެއެވެ. ފޯބްސް އައިކަން އޮފް އެކްސެލެންސްގެ ޝަރަފުވެސް ހާސިލުކޮށްފައިވާ ކެޓްރީނާ ވަނީ ވިޔަފާރި އާއި މުނިފޫހިފިލުވުމުގެ ގުޅުމުގައި އޭނާ އަކީ ލީޑިންގ ވޮއިސްއެއްކަން ސާބިތުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން