އިސްރާއީލުގެ ހަމަލާއަށްފަހު އީރާނުގެ ދައުލަތުގެ ޓީވީ ޕްރެޒެންޓަރު ސަހަރު އެމާމީ އަކީ ހިތްވަރުގަދަ ގައުމީ ރަމްޒެއް ގޮތުގައި ސިފަކޮށްފިއެވެ.

މިފަދަ ލަގަބެއް އީރާނުގެ ޓީވީ ޕްރެޒެންޓަރު ސަހަރު އެމާމީ އަށް ލިބިފައިވަނީ، އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ހަބަރުގެ ލައިވް ބްރޯޑްކާސްޓް ކުރިއަށް ގެންދަނިކޮށް، އެހަބަރުތައް ގެނެސްދެމުން އައި އިރާންގެ ދައުލަތުގެ ޓީވީ ޗެނަލް، އިސްލާމިކް ރިޕަބްލިކް އޮފް އިރާން ބްރޯޑްކާސްޓިން (އައިއާރްއައިބީ) ޓީވީ ޗެނެލް ހިންގާ އިމާރާތަށް އިޒްރޭލުން ހަމަލާ ދިނުމަށްފަހުވެސް، ހިތްވަރު އެލުވައި ނުލާ، އަލުން ލައިވް ބްރޯޑްކާސްޓްގެ ހޯސްޓެއްގެ ގޮތުގައި އޭނާ އިންތަން ފެނުމުންނެވެ.

ލައިވް ފޫޓޭޖް ތަކުން ފެންނަގޮތުގައި މިދިޔަ ހޯމަ ދުވަހު އީރާނުގެ ދައުލަތުގެ ޓީވީ ހިންގާ އިމާރާތައް ދިން ހަމަލާއަށްފަހު، ބްރޯޑްކާސްޓް ކުރަމުންދިޔަ ސްޓޫޑިއޯގެ ސީލިންގ ވެއްޓި ދުމުގެ އަސަރު ކުރުމުން އިމާމީ ކެމެރާ ކުރިމަތިން ދާތަންފެނެއެވެ. ދެން ލައިވް ކަވަރޭޖް ކެނޑުމުގެ ކުރިން ފެންނަނީ މުޅި ސްޓޫޑިއޯ ތެރެ ދުމުން ބޯވާތަނެވެ. އެއަށްފަހު އަލުން ލައިވް ބްރޯޑްކާސްޓް ފަށައި ޓީވީ ޕްރެޒެންޓަރު ސަހަރު އެމާމީ ވަނީ އިތުރު ހިތްވަރަކާއިއެކުވެސް، އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތައް ހަރުކަށިކޮށް ކުށްވެރިކޮށް ވާހަކަ ދައްކައި، ހަމަލާ ތަކުގެ އެންމެ ފަހުގެ ހަބަރު ގެނެސްދިނުމުގައި މަސްޢޫލުވެފައެވެ.

އިމާމީ ދައްކުވައިދިން ހިތްވަރަށް އެކި މީޑިއާތަކާއި އޮފިޝަލުންގެ އިތުރުން ގިނަ އާންމުންގެ ފަރާތުންވެސް ތައުރީފު ލިބިފައިވެއެވެ. އިމާމީ ދެއްކި ހިތްވަރުގަދަ ނަމޫނާ އަށް ޝަރަފުވެރިކަން ދިނުމުގެ ގޮތުން ތެހެރާނުގެ ވަލީ-އަސްރު މައިދާނުގައި ބެނާއެއްވެސް ދަމާފައިވާކަމަށް ރިޕޯޓުތައްބުނެއެވެ.

އިސްރާއީލުން ދިން މި ހަމަލާގައި އައިއާރްއައިބީ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހަލާކުވެފައިވާ ސްޓޫޑިއޯތަކުގެ ތަސްވީރުތައް މިހާރު ދަނީ ދައުރުވަމުން ނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ތިން މީހަކު މަރުވި މިހަމަލާ ކުށްވެރިކުރައްވައި އީރާނުގެ ފޮރިން މިނިސްޓަރ ވިދާޅުވީ އެހަމަލާއަކީ އިސްރާއީލުން މާޔޫސްވެ ބިރުގަނެފައިވާ ކަމުގެ ނިޝާނެއް ކަމަށެވެ.

މިހަމަލާ ދިން އިރު ލައިވް ހޯސްޓު ކުރަމުން ދިޔަ އިރާންގެ ޕްރެޒެންޓަރު، ސަހަރު އެމާމީ އަކީ ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު ބޮޑެތި އިންޓަވިއުތައް ގެނެސްދިނުމުގައި މަޝްހޫރު ޕްރެޒެންޓަރެކެވެ. އެމާމީ އަކީ އީރާނުގެ ދައުލަތުގެ ޓީވީގައި މަސައްކަތްކުރާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ޕްރެޒެންޓަރެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން