މަރްޔަމް ނަހްދާ ވަޙީދު   20 ޖޫން 2025 - 7:49
ހާސްކަންމަތީ ހޭލެވުން-
ހާސްކަންމަތީ ހޭލެވުން-
ހެނދުނު ހޭލާއިރު ހާސްކަމެއް ނުވަތަ ބިރުވެރިކަމެއް އިހުސާސް ކުރެވޭ ހެއްޔެވެ؟ މިކަމަކީ 'މޯނިންގ އެންޒައިޓީ' ގެ ނަމުން މަޝްހޫރުވެފައިވާ ކަމެކެވެ. ގިނަ ބަޔަކު ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި މިކަން ތަޖުރިބާ ކުރެއެވެ. ހެނދުނު ހާސްކަމާއެކު ހޭލެވުމަކީ، ދުވަހުގެ ފެށުން ހަމަޖެހުމާއި އުފާވެރިކަމާއެކު ފެށުމަށް ހުރަސްއަޅާ ކަމެކެވެ. މިކަމުގެ ސަބަބުން މުޅި ދުވަހަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ވީމާ މިކަމަށް ސަމާލުކަން ދީ، މިކަން މެދުވެރިވާ ސަބަބު ދެނެގަންނަން ޖެހެއެވެ.

މިގޮތަށް ހާސްކަންމަތީ ހޭލެވޭ އެންމެ އާންމު އެއް ސަބަބަކީ ދުވަހުގެ ކުރިމަގަށް އޮތް ކަންކަމާ ދޭތެރޭ ހާސްކަމާއެކު ވިސްނުމެވެ. ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ތަފާތު ކަންކަމާއި، ވަޒީފާގެ ޒިންމާތަކާއި، މުދައްރިސުންނަށް ދިމާވާ ދަތިކަންކަމާއި، ވިޔަފާރީގެ މައްސަލަތައް ފަދަ ކަންކަމާ މެދު ނިދިން ހޭލާއިރަށް ވިސްނައި، ބިރުގަންނަން ފެށުމަކީ ހަށިގަނޑުގައި ހާސްކަން އުފެދޭ ސަބަބުތަކެވެ. މިކަމުގެ ސަބަބުން، ދުވަސް ފެށިގެން ދާއިރު ވެސް ސިކުނޑިއަށް ބާރުބޮޑުވެ، ހަމަޖެހުމެއް ނެތި ހޭލެވޭ ގޮތްވެއެވެ. މިފަދަ ހާލަތްތަކުގައި، ހިތްހަމަޖެހިގެން ދުވަހުގެ ކަންކަމާ ކުރިމަތިލާން ދަތިވެއެވެ.

މިކަން ދިމާވާ އަނެއް ސަބަބަކީ ނިދީގެ ފެންވަރު ދަށްވުމެވެ. ނިދި ރަނގަޅު ނުވުމާއި، ނިދީގައި އުފެދޭ މައްސަލަތަކަކީ ހަށިގަނޑު ހަމަނުޖެހި، ހާސްކަން އިތުރުވާ ކަންކަމެވެ. ރޭގަނޑު ހަމަޖެހިގެން ނުނިދޭނަމަ، ނުވަތަ ނިދީގެ ތެރޭގައި ގިނަގިނައިން ހޭލެވޭނަމަ ސިކުނޑިއަށް ރަނގަޅަށް އަރާމު ނުލިބެއެވެ. ނަތީޖާއެއްގެ ގޮތުން، ހެނދުނު ހޭލާއިރަށް ބާރުބޮޑުވެ، ހާސްކަން އުފެދިފައި ހުންނަ ގޮތްވެއެވެ.

މީގެ އިތުރުން ހަށިގަނޑުގެ ހޯމޯންތަކުގައި ހުންނަ ބަދަލުތަކާއި، ދިރިއުޅުމުގެ އާދަތަކުގެ ސަބަބުންވެސް މި މައްސަލަ ދިމާވެދާނެއެވެ. ހެނދުނުގެ ވަގުތުތަކަކީ ސްޓްރެސް ހޯމޯން ކަމަށްވާ ކޯޓިސޯލްގެ މިންވަރު އެންމެ މަތިވާ ވަގުތެވެ. އާދައިގެ ހާލަތުގައި މިކަމަކީ ހަށިގަނޑަށް ދުވަހުގެ ކަންކަމަށް ތައްޔާރުވުމަށް އެހީތެރިވާ ކަމެކެވެ. ނަމަވެސް، ކުރިން ވެސް ހާސްކަމުގެ މައްސަލަތައް ހުންނަ ނުވަތަ ދިރިއުޅުމުގެ އާދަތައް ރަނގަޅު ނޫން މީހުންނަށް، ކޯޓިސޯލްގެ މި މިންވަރު މަތިވުމުން ހާސްކަން އިތުރުވެ، ނުތަނަވަސްކަން އިހުސާސް ކުރެވިދާނެއެވެ.

ހެނދުނު ހާސްކަންމަތީ ހޭލެވޭ ސަބަބުތައް ދެނެގަނެ، ދިރިއުޅުމުގެ އާދަތަކަށް ބަދަލުތަކެއް ގެނައުމަކީ މިކަމުން ދުރުވުމަށް ކުރަން ޖެހޭ ކަމެކެވެ. އަދި އާދަތައް ބަދަލުކޮށްގެންވެސް މިބުނާ މޯނިން އެންޒައިޓީ ރަނގަޅު ނުވާނަަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުމަކީވެސް މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން