އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީގެ ބައްދަލުވުން، ފޮޓޯ: މަޖިލިސް
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީގެ ބައްދަލުވުން، ފޮޓޯ: މަޖިލިސް
ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް، ސޯޝަލް މީޑިއާގައި ބަރަހަނާވެ، ބޭއަދަބީ އަމަލުތައް ހިންގަމުންދާތީ، އެކަން ހުއްޓުވައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތައް ބަލަން ފަށައިފިއެވެ.

މި މައްސަލަ ބެލުމަށްޓަކައި މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ބޭފުޅުންނާ ބައްދަލުކޮށްފައެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު އަދި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވީ، މަޖިލީހަށް މި ޝަކުވާތައް ލިބިފައިވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ބަރަހަނާ މަންޒަރުތައް ފެންނަ ގޮތަށް ހެދުން އަޅައިގެންނާއި، އެހެންވެސް ބޭއަދަބީ އަމަލުތައް ހިންގަމުން ދާތީ، މުޖުތަމަޢުގެ އިޖުތިމާޢީ މިންގަނޑު ހަލާކުވެ، އިޖުތިމާޢީ ފޭރާން ވީދޭތީ އާންމުންގެ ކަންބޮޑުވުން އޮތުމުން ކަމަށެވެ.

އެހެންކަމުން ކޮމިޓީގެ މަޤްސަދަކީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ކުރެވެން ހުރި ކަންކަން ބަލައި، މަޝްވަރާކޮށް، އެކަށީގެންވާ ފިޔަވަޅުތައް އެޅުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައާަ ގުޅޭގޮތުން އެންސީއައިޓީގެ އިންފްރާސްޓްރަކްޗާ މެނޭޖަރު ހުސެއިން މުހައްމަދު ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރެގިއުލޭޓްކޮށް، މިފަދަ އަމަލުތައް ހިންގުން ހުއްޓުވުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

ނަމަވެސް، އެކަން ކުރެވޭނީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުމަކީ އެންސީއައިޓީގެ ދައުރަކަށް ނުވާތީ، މި މަޝްވަރާގައި ކޮމިއުނިކޭޝަން އޮތޯރިޓީ ބައިވެރިކުރަން އެދޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ކޮމިއުނިކޭޝަން އޮތޯރިޓީން އަޅާ ފިޔަވަޅުތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް އެންސީއައިޓީން ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިހާރު ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަމުންދާކަން ފާހަގަ ކުރަމުން އެންސީއައިޓީގެ ބޭފުޅުން ވިދާޅުވީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި އަދި އިސްލާމީ އުސޫލުތަކާ ހިލާފުވާ ގޮތަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތައް ބޭނުން ނުކުރެވޭ ގޮތް ހެދޭނީ، އެ ޕްލެޓްފޯމްތަކާ އެކުގައިވެސް މަޝްވަރާކޮށް، އެމް.އޯ.ޔޫތައް ހެދިގެން ކަމަށެވެ.

އެހެންކަމުން މި މައްސަލައާ ގުޅިގެން ދެން އޮންނަ ބައްދަލުވުމަށް ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސް ބޭފުޅުން ހާޒިރުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން