އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ (ކ) އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެކު
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ (ކ) އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެކު
އެމްޑީޕީ އަކީ ވަކި މީހަކަށް ބަރޯސާވާ ޕާޓީއަކަށް ވެގެންނުވާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ރީކޯ މޫސަ ވިދާޅުވީ، މިދިޔަ 20 އަހަރަކީ އެމްޑީޕީން ރާއްޖެއާއި ދިވެހި ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ހޯދައިދިން އަހަރުތަކެއް ކަމަށް ރައްޔިތުން ޤަބޫލުކުރާނެ ކަމަށެވެ.

އަދި މިވަގުތު އެންމެންގެވެސް އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ އެމްޑީޕީ އަކީ ހުރިހާ ޢާއްމު މެންބަރުންނަށް ހަމަހަމަ ފުރުސަތު އޮތް ޢާއިލީ ކަސްތޮޅުތަކުން ނެއްޓި ހަމަހަމަ ކަމާއެކު ބަސްބުނެވޭ ޕާޓީއެއްގެ ގޮތުގައި ދެމެހެއްޓުން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

“މަޤާމުގެ ދަހިވެތިކަމުގައި ޢާއްމު މެންބަރުން ބައިބައިކޮށް، ޕާޓީއަށްވުރެ ތިމާގެ ބާރާއި ނުފޫޒު ގަދަކުރާ ކޮންމެ މީހަކަށް ނޫނެކޭ ބުނާށެވެ. ވަކިމީހަކު ނެތިގެން، ވަކިމީހަކު ހުރެގެން މިޕާޓީއަށް ވާނެ ފައިދާއަކާއި ގެއްލުމެއް ނެތެވެ.” ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ރީކޯ މޫސަ ވިދާޅުވެފައިވަނީ، އެމްޑީޕީ އަކީ ތަޞައްރަފް ފުދިފައިވާ ޕާޓީއެއްގެ ގޮތުގައި ދެމިއޮންނަންޖެހޭ ކަމަށާއި، އެޕާޓީއަކީ ޢާއްމު މެންބަރުންގެ ޕާޓީއެއް ކަމަށެވެ.

“އަޅުގަނޑު އަބަދުވެސް ދެމިހުންނާނީ “ފުރަތަމަ އެމްޑީޕީ” މި ސިޔާސަތު ޤަބޫލުކުރާ މެންބަރުންނާ އެކުގައެވެ.” މޫސަގެ މެސެޖް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

ވަކިމީހަކު ނެތިގެން، ވަކިމީހަކު ހުރެގެން އެމްޑީޕީއަށް ލިބޭނެ ގެއްލުމެއް ނެތްކަމަށް މޫސަ ވިދާޅުވެފައިވާއިރު، މީގެކުރިން އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު އަދާކުރެއްވި މޫސަ އެމްޑީޕީން ވަކިކޮށްފައިވަނީ 2016 ގައެވެ. މޫސަ ވަނީ 2017 ވަނަ އަހަރު ރައީސް ޔާމިންގެ ވެރިކަމުގައި ޕީޕީއެމް ގައިވެސް މަސައްކަތް ކުރަށްވާފައެވެ. އަދި 2018 ގައި ރައީސް ޔާމިނަށް ވެރިކަން ހޯދައިދިނުމަށް ވެސް މޫސަ މަސައްކަތް ކުރެއްވިއެވެ.

ރީކޯ މޫސަ އެމްޑީޕީއަށް އަލުން ސޮއި ކުރެއްވީ ރައީސް ޞާލިޙްގެ ވެރިކަމުގައި 09 ނޮވެމްބަރ 2022 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން