އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން-
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން-
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމާއި، ފަރުވާއަށްފަހު އަނބުރާ އެމީހުން މުޖްތަމައަށް ގެނައުމަށް ސަރުކާރުގެ ސިޔާސަތެއް ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދުވަހާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން ސޮއިކޮށްފައިވާ އދ. ގެ މުއާހަދާއާ ހިލާފަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ހޯމް މިނިސްޓްރީގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ދެކޭ ގޮތުގައި މިއީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހިން ސަލާމަތް ކުރުމުގެ ބަދަލުގައި އެ ފަރާތްތައް ބާކީކޮށް މުޖްތަމައުއިން އެކަހެރިކޮށް، ފަރުވާގެ ބަދަލުގައި ޖަލަށްލައި އަދަބު ދީގެން މިކަން ހައްލު ކުރުމަށް ސަރުކާރުން ގެނައި ބަދަލެކެވެ.

އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުުގެ ގައުމީ ސިޔާސަތު އެކަށައެޅުމާއި، ހުރި ސިޔާސަތު ތަކަށް ބަދަލު ގެނައުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް (އެންޑީސީސީ) ގެ ބައްދަލުވުންތައް ބޭއްވިފައިވަނީ އިންތިހާއަށް މަދުން ކަމަށެވެ.

އަދި ގާނޫނުގައި ބަޔާންކުރާ މަގާމުގެ ޝަތުރު ހަމަނުވާ "އެކްޓިންގ ސީއީއޯ" އަކު އެންޑީއޭ ހިންގަވާތާ ދެ އަަހަރު ވަމުން އަންނަކަމަށާއި، އެންޑީއޭ ހިންގުމުގެ ތެރެއަށް ފަންނީ ނޫން ބޭފުޅުން ވަދެ އެ އެޖެންސީގެ ކަންކަން މިއަދު ބޮއްސުންލައިފައި ވާކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އަދި ފަންނީ ބޭފުޅުން އެކަހެރި ކުރުމަށްފަހު، އެންޑީއޭގެ ބޯޑުން، ހާއްސަކޮށް ޗެއާރމަންއާ ގާތް އެއްވެސް ތަމްރީނެއް ނެތް މީހުންނަށް ކަންކަން ނިންމުމުގެ ބާރު ދީފައިވާތީ، މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާ އެތައް ފަރާތެއްގެ ހައްގުތައް ގެއްލިފައިވާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ ބޯޑުގެ ކަންކަން ޗެއާރމަން ގިނިކަންޏާ ނިންމަވައި، ސީއީއޯގެ މަސްއޫލިއްޔަތު އަދާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ރާއްޖޭގެ ޕާޓީ ޑްރަގްސް (ސްޓްމިއުލަންޓްސް) އާދަޔާ ހިލާފަށް އަވަހަށް އާންމުވަމުން އަންނަ އިރު، މި ވަބާއިން މީހުން ސަލާމަތްކުރުމަށް ފަރުވާގެ ނިޒާމު ގާއިމްކޮށް، އަދި ދުރާލާ ރައްކާތެރިކަން ފޯރުކޮށްދެވޭނެ އެއްވެސް ޕްލޭނެއް ނުވަތަ އިސްތިރާޖެއް ސަރުކާރުން އެކުލަވާލާފައި ނެތުމަކީ އެމްޑީޕީގެ ކަންބޮޑުވުމެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.

މަސްތުވާތަކެއްޗަށް ފަރުވާ ދިނުމަށް އެމްޑީޕީގެ ސަރުކާރުން ޑިޒައިންކޮށް، ގާއިމްކޮށްފައިވާ މަރުކަޒުތަކަކީ ރިމާންޑް ޖަލުތަކެއް ކަމަށް މި ސަރުކާރުން ހަމަޖައްސާފައިވާކަން ފާހަގަ ކުރަމުން އެ ޕާޓީން ބުނީ، އޭގެ ސަބަބުން އެ ތަންތަނުގައި ތިބި މުވައްޒަފުންނަށް މަރުކަޒުތައް ބަލަހައްޓަން ދަތިތަކާ ދިމާވެ، އެ މަރުކަޒުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން އާންމުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަރުވާގެ ކިއު ދިގުވެ ފަރުވާ ނަގަން ޖެހޭ މީހުން މުޖްތަމައުގެ ތެރޭގައި ގިނަވެފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެފައި ވެއެވެ.

އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މަސްތުވާތަކެތި ބޭނުންކުރުމަކީ ބަލިމަޑުކަމެއް ކަމަށް ކަނޑައަޅާފައިވާއިރު، އެކަމަށް ފަރުވާ ދިނުމުގައި ސައިންސުގެ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާ ނުދެވުމާއި، ކައުންސިލިންގ އަދި ތެރަޕީ ނުދެވުމަކީ ފަރުވާ ހޯދާ މީހުން އަލުން އަނބުރާ އެ ވަބާގެ ތެރެއަށް ގޮސް، ދައުލަތުގެ ފައިސާ އިސްރާފުވެ، ބަލި މީހާއަށް އިތުރަށް އަނިޔާދެވޭ ކަމެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރުމާއި، މި ބައްޔަށް ޒުވާނުން ހުށަހެޅުން މަދުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ސިސާޔަތުތައް އެންޑީސީސީއިން ކަނޑައަޅައި، އެންޑީއޭގެ ބޯޑާއި އެންޑީއޭގެ ހިންގުން ހަރުދަނާކޮށް، ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ސީއީއޯއެއް އައްޔަނު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ހަމައެހެންމެ، މަސްތުވާތަކެއްޗަށް ދޭ ފަރުވާއަކީ ސައިންސްގެ ހެކީގެ މައްޗަށް ބިނާވެފައިވާ ފަރުވާތަކެއްކަން ޔަގީންކޮށް، ފަރުވާ ހޯދާ މީހުން މުޖްތަމައުއަށް ބިނާކުރަނިވި ބައެއްގެ ގޮތުގައި ގެނައުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން