ހަންކެޑެ ޕްރޮޖެކްޓް
ހަންކެޑެ ޕްރޮޖެކްޓް
ހަމައެކަނި ބްރޭންޑިންގ އާއި އިއުލާންތަކަށްވުރެ ރަނގަޅު ކަމެއް އައްޑޫއަށް ހައްގު ކަމަށް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

ފިރާގު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން އިއްޔެ ވަނީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ ހަންކެޑެ މަޝްރޫޢުގެ ކޮންސެޕްޓް ޙަލާލު ޓޫރިޒަމަށް ބަދަލުކޮށް އެރަށަށް އިންވެސްޓަރުން ހޯދުމަށް ހުޅުވާލާފައެވެ.

އެކަމާ ގުޅިގެން ފިރާގު ވިދާޅުވީ، އައްޑޫގެ ރައްޔިތުންނަށް އެމީހުންގެ ސިޓީގެ މުސްތަގުބަލާމެދު ހަގީގީ މަންޒަރެއް ހައްގު ކަމަށެވެ. އަދި މިހާރު މިފެންނަނީ، ރަނގަޅު ޕްލޭނިންގ އާއި ދިގުމުއްދަތުގެ ތަޞައްވުރު ނެތުމުގެ ނަތީޖާ ކަމަށް ފިރާގު ވިދާޅުވެފައިވެއެވެ.

“އައްޑޫ ބޭނުން ކުރަމުންދަނީ މާނަހުރި، ތަރައްގީއަކަށް ނޫން، ޝިއާރުތަކާއި ޝޯޕީސްތަކުގެ ސްޓޭޖެއް ފަދައިންނެވެ.” ފިރާގު ވިދާޅުވިއެވެ.

ހަމައެއާއެކު ފިރާގު ވިދާޅުވީ، މާޒީގައި ވެރިކަން ކޮށްފައިވާ ސަރުކާރުތަކުން ކޮންމެވެސް ވަރެއްގެ ތަރައްޤީއެއް އައްޑޫއަށް ގެނެސްދިން ނަމަވެސް އެއީ ވަރަށް މަޑުމަޑުން ޚަރަދު ބޮޑުކޮށް ގެނައި ކުރިއެރުންތަކެއް ކަމަށެވެ. ނަމަވެސް މިހާރު އެފުރުސަތުވެސް ހުއްޓެން އުޅޭ ކަމުގެ އިޙްސާސް ކުރެވޭ ކަމަށް ފިރާގު ވިދާޅުވެފައިވެއެވެ.

“މިސާލަކަށް ހިތަދޫގައި އެންމެ ރަނގަޅު ތަނެއްކަނޑައެޅީ، ރައްޔިތުންނަށް ސީދާ އިގްތިސާދީ ފައިދާ ކުޑަ ނުވަތަ އެއްވެސް ފައިދާއެއް ނުލިބޭ ޕޮލިސް އެކަޑަމީއަށެވެ. ދެން، ގަމުގެ އެންމެ އަގުހުރި ބީޗްފްރަންޓް މިހާރު ވަނީ އެމްއެންޑީއެފްގެ ޑްރޯން އޮޕަރޭޝަންތަކަށް ހަވާލުކޮށްފައެވެ. އަދި ފޭދޫގެ ޕްރައިމް ސީސައިޑް އޭރިއާ ދިނީ ޕޮލިސް ސްޓޭޝަން ބަދަލުކުރުމަށްޓަކައި.” ފިރާގުވިދާޅުވިއެވެ.

އޭގެއިތުރުން ފިރާގު ވިދާޅުވީ، އައްޑޫގެ ރައްޔިތުން ތަރައްޤީއަށް ކުރާ އުންމީދު ބޮޑުކަމަށާއި، އެހެން ކަމުން އައްޑޫގެ އަގުހުރި ބިންތައް ޕްލޭންކޮށް ބޭނުންކުރަންވާނީ، ބުއްދިވެރިކަމާއެކު ދިގުމުއްދަތުގެ އާންމު ދިރިއުޅުމާއި ވަސީލަތްތަކަށް ވިސްނައިގެން ކަމަށެވެ.

އަދި ހަމައެހެންމެ ފިރާގުވަނީ، ކުރީ ސަރުކާރުން މާސްޓާ ޕްލޭނެއް ހުށަހަޅައި، ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަންކެޑެ މަޝްރޫއަށް އެހީތެރިވެދީފައި ވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރުގެ ސަރުކާރުން ވެސް ވެރިކަމުގެ ކުރީކޮޅު ވަރުގަދަ ބޮޑު ލޯންޗް އިވެންޓެއް އިންތިޒާމްކޮށްފައި ކަމަށް ފިރާގު ވަނީ ވިދާޅުވެފައެވެ.

“މިއަދު މިހާރު ހަންކެޑޭ އަކީ ހަލާލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ ޕްލޭންތައް އިއުލާންކޮށް، އޯޕަން ބިޑް ޕްރޮސެސްއެއް ކުރިއަށްދާ ކަމަށް އެބަ ބުނޭ. ހަމައެކަނި ބްރޭންޑިންގ އާއި އިއުލާންތަކަށްވުރެ ރަނގަޅު ކަމެއް އައްޑޫއަށް ހައްގު.” ފިރާގު ވިދާޅުވިއެވެ.

ފިރާގު މިހެން ވިދާޅުވެފައިވާއިރު، ހަންކެޑެ މަޝްރޫއަކީ ކުރީ ސަރުކާރުން ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްޤީކުރަން ނިންމާފައިވާ މަޝްރޫއެކެވެ. ނަމަވެސް މިސަރުކާރުން އިއްޔެ ވަނީ މުޅި ކޮންސެޕްޓްގެ ކޮންސެޕްޓް ޙަލާލް ޓުވަރިޒަމަށް ބަދަލުކޮށް އެކަން ޢާއްމުކޮށް އިއްޔެ އިޢުލާނު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން