ބީއެމްއެލް އޭޓީއެމްއަކުން މީހަކު ފައިސާ ނަގަނީ - ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އޭޓީއެމްއަކުން މީހަކު ފައިސާ ނަގަނީ - ފޮޓޯ: ބީއެމްއެލް
ބެންކު އޮފް މޯލްޑިވްސްގެ ކާޑު ޕޮލިސީއަށް ގެނައި ބަދަލާއެކު ވެސް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާއި ހަމައަަށް ފައިސާ ނެގޭނެކަމަށް އެ ބެންކުން ބުނެފިއެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް އިއްޔެއިން ފެށިގެން 500 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް ޓީމޫ، ޝެއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ފަދަ އި-ކޮމާސް ސައިޓްތަކުން ކުރާ ވިޔަފާރިއަށް ބީއެމްއެލް ޑެބިޓް ކާޑު މެދެވެރިކޮށް ފައިސާ ދައްކާއިރު 30 އިންސައްތަ އާ ހަމައަށް ފީއެއް ނަގަން ފެށުމުން ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

ބޭންކުން ބުނީ މި ބަދަލު ގެނެސްފައިވަނީ ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމް ތަކުން ފައިސާ ނަގަމުންދާކަން ފާހަގަ ކުރެވިފައިވާތީކަމަށެވެ. އެހެންކަމުން މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާ އެކު އޭޓީއެމް އިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރުކަމަށް ވަނީ ހަދާފައެވެ. އަދި އޭޓީއެމް އިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޑޮލަރު ކަމަށް ވަނީ ހަމަޖައްސާފައެވެ.

ބީއެމްއެލުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެބަދަލު ގެނައި ނަމަވެސް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނަގައި ޕޭމަންޓް ހެދޭނެ ކަމަށެވެ.

އަދި އެގޮތަށް ފައިސާ ނަގަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލް ވެބްސައިޓްގެ ފޮރިން ލިމިޓް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ކުރެވޭނެ ކަމަށާއި ޕޯޓަލް މެދުވެރިކޮށް އެދުމުން އެކަން ހަމަޖައްސައިދެވޭނެކަމަށް ވަނީ ބުނެފައެވެ.

ބީއެމްއެލުން ބުނެފައިވަނީ އެ 750 ޑޮލަރުގެ ލިމިޓާ ހަމައަށް ބޭރު ގައުމުތަކުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ޓްރާންސެކްޝަން ހެދޭނެ ކަމަށާއި އެގައުމުތަކުގެ އޭޓީއެމްތަކުން ފައިސާ ވެސް ނެގޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު