ބަންޑުން ޖަހާލި ކޮޅުވެއްޓި --
ބަންޑުން ޖަހާލި ކޮޅުވެއްޓި --
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތާއިމެދު މޯލްޑިވްސް އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އޯގަނައިޒޭޝަން (މޯޝާ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ ހިނގި އިރު އޭގައި 6 މީހުން ތިއްބެވެ. އެއީ ތިން ދިވެހިންނާއި ތިން ބިދޭސިންނެވެ. ދިވެހި ތިން މީހުންނަކީ ވެސް ސިފައިންނެވެ.

އެ ހާދިސާގައި ސިފައިންގެ ވޮރެންޓު އޮފިސަރު2 އަލީ ހާމިދު ވަނީ ނިޔާވެފައެވެ. އަދި ބިދޭސީއަކު ވަނީ ގެއްލިފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވިގޮތެއް މިހާތަނަށް ތަފުސީލުކޮށް އެމްއެންޑީއެފުން ބުނެދީފައެއް ނުވެއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ކޮޅުވެއްޓި ބަންޑުން ޖަހާލީ ކުއްލިއަކަށް ކަމަށެވެ.

މި ހާދިސާއާ ގުޅޭގޮތުން މޯޝާ އިން ނެރުނު ބަޔާނެއްގައި ބުނީ ގެއްލުނު ބިދޭސީ މީހާގެ އައިޑެންޓިޓީ އާއި ގައުމު އަދި ވަޒީފާގެ މައުލޫމާތު އާންމު ނުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. އަދި ބިދޭސިން ނިސްބަތްވަނީ ބަންގްލަދޭޝް އަށް ކަމަށް މީގެ ކުރިން އެމްއެންޑީއެފުން ބުނި ނަމަވެސް އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ހާމަ ނުކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާއިން ބުނީ މަސައްކަތުގެ ރައްކާތެރިކަމާއި ސިއްހަތުގެ ގާނޫނުގައި ޔުނިފޯމްޑު ވުޒާރާތައް އިސްތިސްނާވީ ކަމުގައިވިޔަސް، އާންމު މީހުން ހިމެނޭ މަސައްކަތުގެ މާހައުލުގެ ހާދިސާތައް ތަހުގީގުކޮށް ހާމަކުރުމަށް ގާނޫނު ލާޒިމް ކުރާ ކަމަށެވެ. އެހެންކަމުން ހާދިސާގެ މިނިވަން ތަހުގީގެއް ހިންގާ، ގެއްލުނު ބިދޭސީ މީހާގެ މައުލޫމާތު ހާމަ ކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ހާދިސާގެ ތަހުގީގެއް ހިންގާ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް އެކަމުގައި ލިބުނު ކުރިއެރުމެއް ނުވަތަ ތަހުގީގު ހިންގަނީ ކޮން ގޮތަކަށް ކިހިނެއް ކަމެއް ވެސް ނުބުނެއެވެ. އެހެންކަމުން މިކަމުގައި ކަންތައްތަކެއް ސިއްރު ކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި ދިވެހި ދިފާޢީ ބާރުގެ އިސް އޮފިސަރެއްގެ ފުރާނަ ގެއްލުނު މިފަދަ ހައްސާސް ހާދިސާއެއް ހިނގައި ދިޔައިރު ދިފާޢީ ވަޒީރު ޣައްސާން މައުމޫން ހަނު ހުންނެވުމަކީވެސް އޭނާގެ ޒިންމާދާރު ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު