ޒަކަރިއްޔާ ދަތުރުކުރި ޑިންގީ
ޒަކަރިއްޔާ ދަތުރުކުރި ޑިންގީ
ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދު ދަތުރުކުރި ޑިންގީ ކަނޑު އަޑިން މިއަދު ފެނިއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ޑިންގީއެއްގައި އެކަނި ދަތުރުކުރަނިކޮށް ގެއްލުނު 79 އަހަރުގެ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ސިފައިންނާއި ފުލުހުން ގުޅިގެން ކުރި ދެވަނަ ޑައިވްގައި ގައްދޫ އާއި ގަމާ ދެމެދުގައި އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން އެ ޑިންގީ ފެނިފައިވާ ކަމަށެވެ.

ޒަކަރިއްޔާ އަދިވެސް ފެނިފައި ނުވާތީ މިހާރުވެސް އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ސިފައިން ވަނީ އޭނާ ހޯދުމަށް ކަނޑުމަގުން 2،307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެ މަގުން 30،39 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފަ އެވެ.

ފުލުހުން ބުނެފައިވަނީ، ޒަކަރިއްޔާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއް ކަމަށެވެ.

ޒަކަރިއްޔާ ގައްދޫން ފުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:30 ހާއިރެވެ. އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު