މަރްޔަމް ނަހްދާ ވަޙީދު   20 ޖުލައި 2025 - 9:59
ހުސްބަނޑާހުރެ ބޭސް ކެއުން ރަނގަޅެއް ނޫން
ހުސްބަނޑާހުރެ ބޭސް ކެއުން ރަނގަޅެއް ނޫން
ޑައިޓު ކުރުމަށް ނުވަތަ ބަރުދަން ލުއި ކުރުމުގެ ނަމުގައި ވަރަށް ގިނަ މީހުން ކާއެެއްޗެހި ކެއުން ހުއްޓާލައެވެ. މިއީ ވަރަށް އާންމު ކަމެކެވެ. ހާއްސަކޮށް ހެނދުނުގެ ނާސްތާއާ ވަރަށް ގިނަ މީހުން ދުރުވާތަން ފެނެއެވެ. މިހެން ނުކައި، ހުސްބަނޑާހުރެ ކުރެވޭ ބައެއް ކަންކަމުން މީހާގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އެހެންކަމުން މިފަހަރު މި ހިމަނާލަނީ ހުސްބަނޑާހުރެ ކޮށްގެން ނުވާނެ ބައެއް ކަންކަމެވެ.

ކޮފީ ނުވަތަ ސައި ބުއިން

ހުސްބަނޑާ ހުރެ ކޮފީ ނުވަތަ ކުލަ ގަދަ ސައި ބުއިމަކީ ވަރަށް އާންމުކޮށް ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް، މިކަމަކީ ހަށިގަނޑަށް އެހާ ރަނގަޅު ކަމެއް ނޫނެވެ. ހުސްބަނޑާހުރެ ކޮފީ ނުވަތަ ސައި ބުއިމުން ބަނޑުގައި އެސިޑް އުފެއްދުން އިތުރުވެ، ބަނޑުހަރުވުމާއި، ބަނޑުގައި ރިއްސުންފަދަ ކަންކަން ދިމާވެއެވެ. އަދި ހާއްސަ ކޮށް "އެސިޑް ރިފްލެކްސް" ފަދަ މައްސަލަތައްވެސް ދިމާވެއެވެ.

ބޭސް ބޭނުން ކުރުން

ހުސްބަނޑާހުރެ ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމަކީ ހަށިގަނޑަށް ނުރަނގަޅު އަސަރުތައް ކޮށްފާނެ ކަމެކެވެ. ބޭސް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ އިރުޝާދު ހޯދައި އެބޭސް ބޭނުންކުރަންވީ ކިހިނެއްތޯ ސާފުކުރުން މުހިންމެވެ. ބައެއް ބޭސްތައް ކާނާއާއެކު ބޭނުންކުރުމުން ބޭހުގެ އަސަރު ރަނގަޅަށް ކޮށް، ބަނޑަށް އުނދަގޫވުން ފަދަ ކަންތައްތަކުން ސަލާމަތްވެވޭނެއެވެ.

ކަސްރަތު ކުރުން

ހުސްބަނޑާހުރެ މާގަދަ ކަސްރަތުތައް ކުރުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ. ހަށިގަނޑުގައި ހަކަތަ ނެތް ހާލަތެއްގައި ކަސްރަތު ކުރުމުން ހަށިގަނޑު ވަރަށް ބޮޑަށް ވަރުބަލިވެ، ދާހިއްލުން އިތުރުވެ، ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ދިމާވެއެވެ. އަދި މިގޮތަށް ހުސްބަނޑާހުރެ ކަސްރަތު ކުރުމުން ހަށިގަނޑުގެ މަސްތަކަށް ގެއްލުންވުމުގެ ފުރުސަތުވެސް ބޮޑުވެއެވެ.



ކިޔުންތެރިންގެ ހިޔާލު