ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ ރާއްޖޭގެ ސިއްޙީ ޚިދުމަތް މުޅިން އާ އުސްމިނަކަށް ގެންގޮސް ދެއްވާނެ ކަމުގެ ވަޢުދެވެ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ދިރިއުޅޭ ރައްޔިތުން ސިއްހީ ފަރުވާއަށް މާލެއަށް ބަރޯސާވެފައިވާ މިންވަރަށް ލުޔެއް ހޯއްދަވައި ދެއްވާނެ ކަމުގެ ވަޢުދެވެ. ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ބިނާކުރައްވައި ޒަމާނީ ފެންވަރަށް ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމް އަތޮޅުތެރޭގެ ރަށްތަކުގައި އިންތިޒާމް ކޮށްދެއްވާނެ ކަމުގެ ވަޢުދެވެ.

ރައީސް ޞާލިޙްގެ ވެރިކަމަށް ދެ އަހަރުވާން ކުޑަތަން ވަމުންދާއިރު އެވަޢުދުތަކުގައި ކޮންމެވެސް މިންވަރަކަށް ޙަޤީޤީ ކުލަ ޖެހެމުންދާ ކަމުގެ ކުލަވަރު ދަނީ ފެންނަމުންނެވެ. އެއިހުސާސް ރައްޔިތުންނަށް ދަނީ ކުރެވެމުންނެވެ. ހަމަގައިމުވެސް ރާއްޖޭގެ އުތުރުގެ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާ ވެފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އަންނަމުންދާ ކުރިއެރުންތަކަކީ އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ކުރިއެރުންތަކެކެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގައި ތިބީ 18 ޑޮކްޓަރުން ކަމުގައި ވީ ނަމަވެސް މިހާރު އެ އަދަދު ވަނީ 45 ޑޮކްޓަރުންނަށް އިތުރުކުރެވިފައެވެ. 09 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، 02 ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޚިދުމަތް ދެއްވަމުން ގެންދަވާއިރު، އެ ހޮސްޕިޓަލް ވެފައިވަނީ، މާލޭގެ ހޮސްޕިޓަލްތައް ފިޔަވާ ރާއްޖޭގެ އެންމެ ބާރު ބޮޑު ހޮސްޕިޓަލަށެވެ.

ކޯވިޑް-19 އާ ގުޅިގެން މާލެއަށް އަރައި ފޭބުން ދަތިވެފައި ވުމާއެކު ރ، ބ، ޅ އަދި ކ އަތޮޅުން ސިއްހީ ހިދުމަތް ހޯދުމަށް ގިނަ ބަޔަކު ދަނީ ކުޅުދުއްފުއްޓަށް ދަތުރުކުރަމުންނެވެ. އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި، ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ އިތުރުން ކަށީގެ ބަލިތަކާއި ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން އެ ހޮސްޕިޓަލްގައި މިވަގުތު އެބަތިއްބެވެ. އޭގެ އިތުރުން ހޮސްޕިޓަލަކަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ އާލާތްތަކާ އެކު އެ ހޮސްޕިޓަލް ދަނީ ޚިދުމަތުގެ އެންމެ އުސް ކުރިބޯށްޓާ ހަމައަށް ވާސިލް ވުމަށް މަސައްކަތް ކުރަމުންނެވެ.

ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކުރުމަށް ލެބޯރަޓަރީ އަށް ބޭނުންވާ ވަސީލަތްތަކާއި ފިޒިއޯތެރަޕީ އަށް ބޭނުންވާ އިކުއިޕްމަންޓްސް މިހާރު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާއިރު، އެމްއާރުއައި މެޝިން ބެހެއްޓުމަށް ޢިމާރާތް ތައްޔާރުކުރުމުގެ މަސައްކަތް މިވަގުތު ދަނީ ކުރަމުންނެވެ. ރައީސް ޞާލިޙްގެ މި ސަރުކާރު އައި ފަހުން ސްޕީޗް ތެރަޕީއާއި ސީޓީ ސްކޭންގެ އިތުރުން އެކި ސާޖަރީތަކާއި އެކު، އާ ހިދުމަތްތައް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ތައާރަފް ކޮށްފައިވާއިރު، ކޯވިޑް-19 އަށް ޓެސްޓް ކުރެވޭ ޕީސީއާރު ލެބޯޓަރީގެ ޚިދުމަތްވެސް އެ ހޮސްޕިޓަލުން މިހާރު ދަނީ ލިބެމުންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ތަޢާރަފްކުރި ސީޓީ ސްކޭނިންގެ ޚިދުމަތުން މިހާތަނަށް 534 ސީޓީ ސްކޭން ހަދާފައިވާއިރު، އޮޕަރޭޝަން ތިއޭޓަރުގެ ގޮތުގައި ދެ ތިއޭޓަރ ވަނީ ފައްކާ ކޮށްފައެވެ. އެ ހޮސްޕިޓަލްގައި ހޭނައްތާ 3 ޑޮކްޓަރުންނާއި، 3 ސަރޖަންގެ އިތުރުން 3 ފިޒީޝަނުން ޚިދުމަތުގައި އެބަ ތިއްބެވިއެވެ. އޭގެ އިތުރުން ޒަމާނީ ފެންވަރުގެ ލޭބަރ ރޫމެއް ތަރައްޤީ ކޮށްފައިވާއިރު، އޮކްސިޖަން ޕްލާންޓް ހައުސް ޢިމާރާތްކޮށް މެމޯގްރަފީގެ ޚިދުމަތް ފަށައި އުތުރުގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތުގެ ޔަޤީންކަން ރައީސް ޞާލިޙްގެ ސަރުކާރުންވަނީ ކަށަވަރުކޮށް ދެއްވާފައެވެ. މި ތަރައްގީ ތަކާއެކު ހަމަގައިމުވެސް ކުޅުދުއްފުށި ހިމެނޭ ސަރަހައްދުން ބޮޑެތި ބަލިތަކަށް ފަރުވަ ހޯދުމަށް މާލެ އައުމަށް ރައްޔިތުން އުފުލަމުން ގެންދިޔަ ބުރައާއި ވޭނާއި އުނދަގޫ ތަކަށް ނިމުމެއް އައީއެވެ. ރައްޔިތުން ތަކުލީފު ނުއުފުލައި ރައްޔިތުންނާ ގާތުން ސިއްހީ ޚިދުމަތް ކަށަވަރު ކޮށްދިނުމަކީ ރައީސް ޞާލިޙް ކުރައްވާ ވަރަށް ބޮޑު އުއްމީދެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ތަރައްގީއާއި ޚިދުމަތް ތަކުގެ ވާހަކަ އަދި މިހާހިސާބުން ނިމުނީއެއް ނޫނެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތުވެސް ޚިދުމަތް އިތުރަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް 30 އެނދުގެ ވާރޑު އިމާރާތެއް އެޅުމުގެ އަމަލީ މަސައްކަތް ވަނީ ފަށައިފަ އެވެ. ވާރޑް އިމާރާތުގެ އިތުރުން އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 30 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއްކޮށްގެން މި މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރުގެ ތަރައްޤީގެ މައި އިންޖީނު ކަމުގައިވާ އެމްޓީސީސީންނެވެ.

ހަމައެއާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބަހައްޓަން ހަމަޖެހިފައިވާ މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި) މެޝިން މިހާރު ވަނީ ކުޅުދުފުއްޓަށް ގެންގޮސްފައެވެ. އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ހިދުމަތްތައް ފުޅާކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން ކުޅުދުއްފުށްޓަށް ގެންދިޔަ މި އެމްއާރުއައި މެޝިން ކުޅުދުއްފުއްޓަށް ގެންގޮސް، އިންްސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެސްޓީއޯގެ އިންޖިނިއަރުންނެވެ. މީގެ އިތުރުން ސެންޓްރަލް ސްޓެރައިލް ޑިޕާޓްމަންޓް ސާރވިސް (ސީއެސްއެސްޑީ) ޔުނިޓް ޤާއިމްކުރުމަށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް ކުރުމަށް 1.3 މިލިޔަން ރުފިޔާގެ މަޝްރޫޢެއް ދަނީ ކުރިއަށެވެ. އަދި ހޮސްޕިޓަލްގައި މެޑިކަލް އޮކްސިޖަން ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ވެސް މިވަގުތު ދަނީ ކުރަމުންނެވެ. އޮކްސިޖަން ޕްލާންޓް ބަހައްޓާ އިމާރާތް ކުރަމުންދަނީ ކޭއާރުއެޗުގެ އިމާރާތުގެ ތެރޭގައެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ މިތަރައްގީއާއެމު ރައްޔިތުން އުފާކުރާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. ހަގީގަތުގައި ތަރައްގީއަކީ މިއީއެވެ.

ރައްޔިތުންގެ ސިއްހަތާއި ތަޢުލީމާއި ފެނާއި ނަރުދަމާއާއި ގުޅިފައިވާ ތަރައްގީ ތަކަކީ ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ އެންމެ މުހިންމު ބައިގެ ތެރޭގައި ހިމެނޭ ސީދާ ރައްޔިތުންނާ ގުޅިފައިވާ އެންމެ މުހިންމު ތަރައްގީގެ ވަސީލަތްތައް ކަމަށްވާއިރު މި ތަރައްގީ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް އެންމެ އިސްކަމެއްދެއްވާ އެންމެ މުހިންމު އެއް ތަސައްވަރެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކޮށް ހަރުދަނާ ކުރުމަށް މިއަހަރުގެ ބަޖެޓްގައި ސަރުކާރުން 4.1 ބިލިއަން ރުފިޔާ ހޭދަކުރަން ހިމަނާފައިވެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ގދ ތިނަދޫ ރީޖަނަލް ހޮސްޕިޓަލްވެސް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ވަނީ ބަޖެޓްކޮށްފައެވެ. އެގޮތުން ތިނަދޫ ހޮސްޕިޓަލަށް 90 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވެއެވެ. ރާއްޖޭގެ ފަސް ސަރަހައްދެއްގެ ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެވަޑައިގެންފައިވާ ވަޢުދުފުޅު ފަތުއަޑުކިޔާފައި ފުއްދަވަމުން ގެންދަވާއިރު، 100 އެނދުގެ އާ ޓާޝަރީ ހޮސްޕިޓަލް ޕްރޮޖެކްޓް ކުރިއަށް އޮތުމާއެކު ވެސް، މި ވަގުތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ، ޒަމާނާ ގުޅޭ ބައެއް ކަހަލަ ބަދަލުތައް ގެނެސް ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް މި ސަރުކާރުން މިވަނީ ހިނިތުންވުން ގެނެސްދީފައެވެ.

މިއީ ގަބޫލުކުރަން ދައްޗަސް، އުނދަގުލަސް އަދި ބޭނުން ނުވިޔަސް، ރައީސް އިބްރާހީމްގެ ތަރައްގީ ނުފެންނަ ލޯތަކުގައި އަޅައިގަންނާނެ ވަރުގެ ތަރައްގީއެކެވެ. މި ދައްކާލީ އަދި އެންމެ ދޮޅު އަހަރެއްހާ ދުވަހުގެ އެންމެ ހޮސްޕިޓަލެއްގެ ތަރައްގީގެ ވާހަކައެވެ.


ކިޔުންތެރިންގެ ހިޔާލު


13

ޙަބޭސް

19-Sep-2020

ކަމެއް ކުރެވިއްޖެ ނަމަ ކަލަގޮވުމަކީ އިސްލާމްދީން ރުހޭ ކަމެއްނޫނެވެ. އެހެން ނޫނަސް ކޮށްފަހުރި ކަމެއްރަނގަޅު ކުރަން ނޫނީ އިތުރަށް ކޮށްދޭން ބުނެ ސަރުކާރުބޭނުންވެ އައުމަށްފަހު ކަންކަން ނުވާނަމަ ކީއްކުރާ ސަރުކާރެއް!!



ޓްރެންޑިން