ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
މިސަރުކާރުގެ ލަދެއް ޙަޔާތެއްނެތް ކަމަށާއި، މިއީ ކުކުޅު ބިހެއްގެ އަގު ހެޔޮކޮށް ނުލެވުނު ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޣަފޫރު ވިދާޅުވީ، މި ސަރުކާރުން 2 ގަޑިއިރު މަޖާކޮށް، ނަށައި، ކައިބޮއެ ހަދަން 250 މިލިއަން ރުފިޔާ ޚަރަދު ކުރާއިރު، މިއީ ކުކުޅު ބިހެއްގެ އަގު ހެޔޮކޮށް ނުލެވުނު ސަރުކާރެއް ކަމަށެވެ. އަދި މިއީ ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށް ޣަފޫރު މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު ޣަފޫރު ވިދާޅުވީ، މި ސަރުކާރުން ކަރަންޓު ބިލުން މުތުލަގަށް ވައްކަން ކުރަމުންދާ ކަމަށެވެ. އެގޮތުން މީގެކުރިން ކަރަންޓު ބިލަށް 2000 ރުފިޔާ ދެއްކި ގޭގެއިން މިއަދު 4000 ރުފިޔާ ދައްކަން ޖެހޭކަމަށް ޣަފޫރު ވިދާޅުވިއެވެ.

އައްޑޫން ކަރަންޓު ކެނޑޭ މައްސަލައަށް އިޝާރާތް ކުރަށްވަމުން ޣަފޫރު ވިދާޅުވީ، އައްޑޫ ރައްޔިތުން ކަނު އަނދިރީގައި އުޅޭތާ ދޮޅު އަހަރު ވީއިރު ސަރުކާރަށް އެކަން ޙައްލުކޮށް ނުދެވުނު ކަމަށެވެ. އަދި މި ސަރުކާރުން އައްޑޫ ރައްޔިތުންނަށް ފޮނުވާފައިވަނީ ބައު އިންޖީނެއް ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

ހަމައެހެންމެ މާލޭގެ ކަރަންޓުގެ ޙާލަތުވެސް ސަރުކާރަށް ޙައްލުކޮށް ނުދެވުނުކަން ފާހަގަ ކުރަށްވަމުން ޣަފޫރު ވިދާޅުވީ ރޭވެސް މާލޭ ރައްޔިތުން ތިބީ ކަނު އަނދިރީގައި ކަމަށެވެ. އަދި ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު އެކަން ތަހުޤީގު ކުަރަމުން ދާކަމަށް ބުނެލުން ފިޔަވައި އިތުރު ޖަވާބެއް ސަރުކާރަށް ނުދެވޭތީ މިއީ ރައްޔިތުންނަށް ޖެހިފައިވާ މުސީބާތެއްފަދަ ސަރުކާރެއް ކަމަށް ޣަފޫރު ވަނީ ސިފަ ކުރަށްވާފައެވެ.

“މިތާ ލަދެއް ހަޔާތެއް ނެތިގެން އައިސް ވާހަކަ ދައްކަނީ ރައްޔިތުންގެ ފައިސާ ވަގަށް ކައި މިއެއްޗެހި މި ހުސްކުރަނީ. މާލެއަށް ކަރަންޓު ނުދެވިގެން މިއުޅެނީ މިސަރުކާރަށް. ރައްޔިތުން ތިބެންޖެހެނީ ގަލޯހާޖާ ނުކޮށް މިގައުމުގަ. މިއީ ކިހާ ދެރަކަމެއް. ރައްޔިތުންނަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް މިސަރުކާރަކީ.” ޣަފޫރު ވިދާޅުވިއެވެ.

އޭގެ އިތުރުން ޣަފޫރު ވިދާޅުވީ، މިސަރުކާރުގެ ބަހުންނަމަ ސަރުކާރު ވެރިކަމާ ޙަވާލުވިފަހުން ރާއްޖޭގައި އަބަދުވެސް އޮންނަނީ ހޫނު މޫސުން ކަމަށާއި މަހެއް ވަންދެން ވާރޭ ވެހުނަސް މި ޤައުމަށް ފިނި މޫސުން ނާންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު