އެމްއެމްއޭ ބިލްޑިންގް
އެމްއެމްއޭ ބިލްޑިންގް
އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތްތައް ބީއެމްއެލް އިން ހިންގަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން މިހެން ބުނެފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސްޑީއެފްސީ ގަތުމުގެ މުއާމަލާތުތައް ބީއެމްއެލުން ކުރިއަށް ގެންދަނީ ރާއްޖޭގެ ބޭންކިން ގާނޫނާ ހިލާފަށް ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބުނީ އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކަށް ބީއެމްއެލުން އަމަލުކުރިތޯ ބަލާފައިވާ ކަމަށެވެ.

އެގޮތުން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނާއި ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ކަނޑައަޅާފައި ނުވާނޭކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އަދި ބީއެމްއެލުން އެމްއެމްއޭއަށް ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ވިޔަފާރީގެ މި މުޢާމަލާތުގެ ހުރިހާކަމެއްވެސް ކުރިޔަށް ގެންދާނީ ކަމާގުޅޭ ގާނޫނުތަކާއި، ޤަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ބީއެމްއެލުން ޔަގީންކަން ދީފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ، ބީއެމްއެލްއަށް ވިއްކާލުމަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ބީއެމްއެލުން ވެސް މިއަދު ބުނީ، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއައަތްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

ބީއެމްއެލުން ބުނިގޮތުގައި އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިން ތަޖުރިބާބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކޮށް، ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިގްތިސާދަށް ފުދުންތެރިކަން އިތުރުކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު