މަގުމަތީގައި އުޅޭ ބުޅާ-
މަގުމަތީގައި އުޅޭ ބުޅާ-
ރާއްޖޭގެ ފުރަތަމަ ޕެޓް ކެއާ ފެސިލިޓީ، "އޮޅުހިޔާ" ގައި ބުޅާތައް ކަރަންޓީން ކުރާބައިގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އެނިމަލް ވެލްފެއާ މިނިސްޓްރީން ފަށައިފިއެވެ.

މިނިސްޓްރީން ބުނީ މިވަގުތު އެތަނުގައި ކަރަންޓީންގައި ތިބީ އެއްމެ ފަހުން މަގުތަކުން ނެގި 28 ބުޅާކަމަށެވެ. އިތުރު ބުޅާ ނެގުމުގެ މަސައްކަތް ކުރަމުންދާއިރު ބުޅާތައް ކަރަންޓީނު ކުރާ ޖާގަ އިތުރުކުރަން ޖެހިފައިވާކަަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެގޮތުން އިތުރު 70 ކޭޖު ތައްޔާރުކޮށް ވަރަށް އަވަހަށް ނިމޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކަރަންޓީން ކުރެވޭ ކެޕޭސިޓީ އިތުރުކުރުމުން އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭނެކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

މިނިސްޓްރީން އިތުރަށް ބުނީ ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށްފަހު ޖެނެރަލް ބަޔަށްލުމުގެ ކުރިން ކަރަންޓީންކުރުމުގެ ގިނަ މަރުހަލާތަކެއް ކަޑައްތުކުރާ ކަމަށެވެ. މިކަން މިގޮތަށް ކުރަނީ މަގުތަކުން ގެންނަ ބުޅާތަކަކީ އެކި ބަލިތަކާއި ރޯގާތައް ޖެހި، އަދި އެކި ވަރުގެ އަނިޔާތައް ލިބިފައި ތިބި ބުޅާތަކަކަށް ވުމުންކަމަށް މިނިސްޓްރީން ހާމަކުރިއެވެ.

އެހެންވެ، މި ފޭސްތައް ކަޑައްތުކޮށް، އާންމު ބަޔަށް ބުޅާތައް ބަދަލުކުރެވޭ މިންވަރަކުން މާލެތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ގެނެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި އަމާޒަކީ ހުރިހާ ބުޅާތައް ގެނެސް ކޮށިތަކަށް އަޅާލުމެއްނޫން ކަމަށާއި އޭގެ ބަދަލުގައި އެސޮރުމެންނަށް ލިބެންޖެހޭ އަޅާލުމާއި ބޭސްފަރުވާވެސް ފުރިހަމަކޮށް، އެސޮރުމެން ބެލެހެއްޓުންކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް