އައިޖީއެމްއެޗް
އައިޖީއެމްއެޗް
މާޅޮހު ދޯންޏެއްގެ ބެޓެރި ގޮވައި ފިހުނު ދެ ބިދޭސީންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

އއ. މާޅޮހުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏަކުން ވެލި ފަދަ ތަކެތި އުފުލުމުގެ މަސައްކަތަށް ބޭނުންކުރާ “ނަސްރު 7” ދޯނީގައި މި ހާދިސާ ހިނގާފައިވަނީ ރޭ 8:45 ހާއިރުއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އެ ދޯނީގައި މަސައްކަތްކުރާ އުމުރުން 33 އަހަރާއި 40 އަހަރުގެ އިންޑިޔާ ދެ ފިރިހެނުންނަށެވެ. އެމީހުންގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.

އައިޖީއެމްއެޗުން ބުނީ، އެ ދެ މީހުންގެ ހާލަތުވެސް ސީރިއަސް ކަމަށާއި، ޑޮކްޓަރުންގެ ހާއްސަ ޓީމެއްގެ ބެލުގެ ދަށުން އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޙާދިސާގައި ގޮވާފައިވަނީ ދޯނީގެ އިންޖީނުގެ ބެޓެރިއެވެ. އަދި އަނިޔާވި ދެ ބިދޭސީންނަކީ އެ ކުންފުނީގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. މި ޙާދިސާގައި ދޯންޏަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު