އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުން
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުން
6 މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު މިސްރާއި އުރުދުނުން ޣައްޒާއަށް ފޮނުވި އެހީގެ ގާފިލާތައް ކައިރިއަށް އެއްވެފައި ތިބި ރައްޔިތުންނަށް އިސްރާއީލުން ހަމަލާދީފިއެވެ.

މި ހަމަލާގައި މަދުވެގެން 11 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ. އަދި މި ހަމަލާއަކީ ކަނޑައެޅިގެން ރައްޔިތުން ބަނޑަށް ޖެއްސުމުގެ ސިޔާސަތުގެ ދަށުން ދީފައިވާ ހަމަލާއެއް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

އިސްރާއީލުން ވަނީ ކޮންމެ ދުވަހަކު 10 ގަޑިއިރަށް ހަނގުރާމަ މެދުކަނޑާލުމަށް އިއުލާންކޮށްފައެވެ. މި ގޮތަށް މެދުކަނޑައިލުމުގެ މަޤްސަދަކީ ޣައްޒާގެ ތިން ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ފަސޭހަކުރުން ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ހަނގުރާމަ މެދުކަނޑައިލަން އިއުލާންކޮށްފައިވާ ސަރަހައްދުތަކަށްވެސް އިސްރާއީލުން ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. މީގެ ތެރޭގައި ޣައްޒާ ސިޓީއަށް ދީފައިވާ ހަމަލާތައްވެސް ހިމެނެއެވެ.

‎މި ހަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިސްރާއީލުގެ މި އަމަލުތަކަކީ އިންސާނިއްޔަތާ ދެކޮޅު ކުށްތަކެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ޣައްޒާގެ އިންސާނީ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާއިރު، އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތަކާއި، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ރައްޔިތުން ދަނީ ނުހަނު ދަތި އުނދަގޫ ދުވަސްތަކެއް ހޭދަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު