ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މަސްތުވާތަކެއްޗާއި ހަށިވިއްކުން އިޝްތިހާރު ކުރަމުންދިޔަ "ޖަޒީރާ" ޓެލެގްރާމް ގްރޫޕުގައި އިސްކޮށް ހަރަކާތްތެރިވި މީހަކު 4 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެގޮތުން ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ މި މައްސަލައިގައި ދައުވާކުރި ތިން މީހުންގެ ތެރެއިން އިބްރާހިމް ރަޝީދު، ދަފްތަރު ނަންބަރު ރސ 12966، އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުން އެނގޭ ގޮތުން ދައުލަތުން ވަނީ އަލީ ރަޝީދުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައެވެ. އެގޮތުން އޭނާގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި، އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީ އެނގިހުރެ އެ އާމްދަނީ ބޭނުންކުރުމުގެ ދައުވާއެވެ.

މި ދެ ދައުވާގައި ބުނާ ކުށަށް އެއްބަސްވެ، އިބްރާހީމް ރަޝީދު ވަނީ ދައުލަތާއެކު ކުށުގެ އިއުތިރާފު އެއްބަސްވުމެއް ހަދާފައެވެ.

އެހެންވެ އެ އެއްބަސްވުމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މަނީ ލޯންޑަރިންގެ ދައުވާއަށް 2 އަހަރާއި 6 މަސް އަދި އަނެއް ދައުވާއަށް 1 އަހަރާއި 6 މަސް، ޖުމުލަ 4 އަަހަރަށް އޭނާ ޖަލަށް ލުމަށެވެ.

މި މައްސަލަތަކުގައި އޭނާ މިހާތަނަށް ޖަލުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން ހުކުމުން ތަންފީޒުކުރަން ޖެހެނީ 2 އަހަރާއި 8 މަހާއި 13 ދުވަހެވެ.

މީގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމުން 463،637.61ރ.ގެ ޖޫރިމަނާއެއް 60 ދުވަސް ތެރޭގައި ދެއްކުމަަށްވެސް އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވެއެވެ.

މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މި ދެ ދައުވާގެ އިތުރުން ހަޑި އެއްޗެއް ރައްދުކުރުމުގެ ކުށުގެ ދައުވާއާއި ރާއްޖޭގައި މީހަކު ލައްވައި ހަށި ވިއްކުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް އުފުލާފައިވާ ކަމަށެވެ. އެހެންނަމަވެސް މި ދައުވާތަކަށް ވީ ގޮތެއް އަދި ނޭނގެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް