ގުރުވަ 1 ދޯނި ފަރަށް އަރާފައި
ގުރުވަ 1 ދޯނި ފަރަށް އަރާފައި
ހއ. މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދަތުރު ކުރަނިކޮށް ފަރަށް އެރި ދޯނީގައި ތިބި ތިން މީހުން އެމްއެންޑީއެފުން ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުށްޓަށް ދަތުުރުކުރަމުންދަނިކޮށް ފަރަށް އެރި “ގުރުވަ 1” ނަމަކަށްކިޔާ ދޯނީގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ނ. ކުޑަރަށް ކައިރިން ފަރަށް އެރި އެ ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ދަތުރުކުރަމުން ދިޔަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



އެމްއެންޑީއެފުން ބުނީ، މި ދޯނި ފަރަށް އެރި ކަމުގެ މަޢުލޫމާތު ލިބިފައިވަނީ އޮގަސްޓް 1ވަނަ ދުވަހުގެ 23:24 ހާއިރު ކަމަށެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން އެމްއެންޑީއެފްގެ ހާބަރކްރާފްޓަށް ވަނީ ނަގާފައެވެ.

އަދި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު ދޯނީގެ ފަޅުވެރީން މިއަދު 08:45 ހާއިރު ނ. ހޮޅުދޫއަށް ގެންގޮސްދީފައިވާ ކަމަށާއި، އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

ކުނިއުފުލާ ދޯންޏެއް ފަރަށް އަރާފައިވާއިރު، މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ރަނގަޅު ދުވަސްވަރެއް ނޫން ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު