ނ. އަތޮޅު ކައުންސިލްގެ ރައީސް،
ނ. އަތޮޅު ކައުންސިލްގެ ރައީސް،
ކުރީ ސަރުކާރުން ނ. އަތޮޅުގެ ރަށްތައް ބަހާލީ ކައުންސިލާއި ރައްޔިތުންނަށް އަންގާވެސް ނުލާ ކަމަށް ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ބަޝީރު ވިދާޅުވީ މި ޒަމާނުގައި ރައްޔިތުންނަށްވެސް ނޭނގި، ކައުންސިލްތަކަށްވެސް ނޭނގި، ރަށްތައް މިގޮތަށް ދޭ ދިނުން ބަލައި ނުގަނެވޭނެ ކަމަށެވެ.

"އެއްވެސް ކަހަލަ ކޮންސަލްޓޭޝަނެއް، މަޝްވަރާއެއް، ރުހުމެއްް، ޕްލޭނެއް ނެތި، އެންޑޯޒްމެންޓެއްނެތި ބަހާ ބެހުން މީ، އެކަން ކުއްވެރިކުރަން." ބަޝީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އަތޮޅުން ޓޫރިޒަމަށް ކަމަށް ބުނެ އޭރު ކަނޑައެޅި ރަށްތަކަކީވެސް އެއްވެސް ޕްލޭނެއް ނެތި ދީފައިވާ ރަށްތަކެއް ކަމަށެވެ. މީގެ ތެރޭގައި 'ސެޓަލްމެންޓު އެގްރިމެންޓް' އޭ ކިޔާފައި، ދައުލަތަށް އެއްވެސް މަންފާއެއް ނުކުރާ ގޮތަށް ދީފައިވާ ރަށްތައްވެސް ހުރި ކަމަށް ބަޝީރު ވިދާޅުވިއެވެ.

"އޭގެ ތެރޭގަ އެބަހުރި އެމްޑީޕީގެ އިސް ފަރާތްތަކަށް ދީފައިވާ ރަށްތައްވެސް." ބަޝީރު ވިދާޅުވިއެވެ.

ބަޝީރު ވިދާޅުވިގޮތުގައި ވަކިވަކި ރަށްތައް ދީފައިހުރި ފަރާތްތަކުގެ މައުލޫމާތު ކައުންސިލްތަކުން ހޯދަން ޖެހެނީ އާރްޓީއައި ލައިގެން ކަމަށެވެ. އެހެންނަމަވެސް އެ މައުލޫމާތުވެސް ނުލިބޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫނުގެ ސަރުކާރުގައިވެސް ނ. އަތޮޅުގެ ރަށްތައް ބަހާފައިވާކަން ފާހަގަ ކުރައްވަމުން ބަޝީރު ވިދާޅުވީ އެތަންތަންވެސް އަދިވެސް ތަރައްގީ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެކަން އެހެން އޮތްއިރު، ނިމިދިޔަ ސަރުކާރުގައި އަނެއްކާވެސް ދެންހުރި ރަށްތައްވެސް ބަހާލުމުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ބަޝީރު އިތުރަށް ވިދާޅުވީ ޓޫރިޒަމަށް މިހާރު ބޮޑަށް ފައިދާވާނީ އަތޮޅުތެރޭގައި ގުދުރަތީ ރީތިކަން ހުންނަ ރަށްރަށްވެސް ހުރެގެން ކަމަށެވެ. އަދި ހުރިހާ ރަށެއް ޓޫރިޒަމަށް ތަރައްޤީކުރުމަކުން އެކަމުން މަންފާއެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގެސްޓް ހައުސް ހިންގާ މީހުންނަށް ބޭނުންވޭ ފަރު، ރިސޯޓުތަކަށް ބޭނުންވޭ ފަރުމަސް، އާންމުން ސޯޝަލައިޒްވާން އިޖްތިމާއީ ބޭނުންތަކަށް ބޭނުންވޭ ފަޅުރަށްތައް، ދަރިން ގޮވައިގެން ޕިކްނިކު ދާންވެސް ތަންތަން ހުންނަންޖެހޭ، ނޭވާލާންވެސް ތަންތަން ހުންނަން ޖެހޭ، މީހުން ދިރިއުޅޭ ރަށްރަށް ފުރިއްޖެ އަސްލު." ބަޝީރު ވިދާޅުވިއެވެ.

މިގޮތަށް އަތޮޅުތެރޭގެ ރަށްތައް ބެހުމަކީ ހުރިހާ ސަރުކާރަކުންވެސް ކުރަމުން އަންނަ ކަމެއްކަން ފާހަަގަ ކުރައްވަމުން ބަޝީރު ވިދާޅުވީ ކޮންމެވެސް ހިސާބަކުން މިކަން ހައްލު ވާން ޖެހޭ ކަމަށެވެ. އަދި ރަށްތައް ބެހުން ހުއްޓުވަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު