ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯގެ މައްސަލަތަކާ ގުޅޭގޮތުން ވިސުލްބްލޯވަރުން މަޖިލީހާ ހިއްސާކުރި މައުލޫމާތުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެން ކަމަށް މަޖިލީހުން ބުނެފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ވިސުލްބްލޯވަރުން ހިއްސާ ކުރާ މައުލޫމާތުގެ މަޝްވަރާތައް ސިއްރުކޮށްފައި ވަނީ އޭގެ ބައެއް މައްސަލަތަކުގައި ފުލުހުންގެ މިހާރުގެ ވެސް ވެރިންގެ އަނބިދަރިންނާއި އާއިލާގެ މީހުންނާ ގުޅުން ހުރި މައުލޫމާތުތައް ވެސް ހިމެނޭތީ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ މެދުވެރިކޮށް ޕޮލްކޯއާ ގުޅޭ ގިނަ މައްސަލަތަކެއް މަޖިލީހުން އަންނަނީ ބަލަމުންނެވެ.

ޕޮލްކޯގެ މައްސަލަތައް މަޖިލިހުން، ބަލަން ފެށީ ފުލުހުންގެ ފްލެޓްތަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވި ހިސާބުންނެވެ. މިދިޔަ އަހަރުން ފެށިގެން ސަބް ކޮމިޓީން އަންނަނީ އެކަމާ ގުޅޭ މައްސަލަތައް ބަލަމުންނެވެ.

‎އޮޑިޓް ރިޕޯޓުގައިވާގޮތުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ބިލިއަން ރުފިޔާ ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހަރަދުކޮށްފައިވާ ކަމަށް ވަނީ ހާމަވެފައެވެ. އެހެންކަމުން އެއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް