ހައްވާ ޔުމްނު ރަޝީދު
ހައްވާ ޔުމްނު ރަޝީދު
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ޙާދިސާގެ ހަގީގަތް ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސި ކޮމިޝަނަށްވެސް ޔުމްނުގެ ބަޔާން ނުލިބުނު ކަމަށް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ޔުމްނުގެ ބަޔާން ނެގިފައި ނުވާ ކަމަށެވެ. ނަމަވެސް ބަޔާން ނެގިފައި ނުވާ ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ، ޔުމްނު ވެއްޓުނު ޙާދިސާގެ ރިޕޯޓަށް އޭނާގެ ބަޔާން އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެކަމަށް އާއިލާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބުނު ކަމަށްވެސް ރިޕޯޓްގައިވެއެވެ.

މިޙާދިސާގައި އަނިޔާ ލިބުނު ޔުމްނު ހޭ އެރިފަހުން ޔުމްނު ބުނި ކަމަށް ބުނެ އޭނާގެ އާއިލާއިން ބުނެފައިވަނީ ޔުމްނު އަމިއްލައަށް އިމާރާާތުން ފުންމާ ނުލާ ކަަމަށާއި އެ ހާދިސާ ހިނގިއިރު ޔުމްނު ކައިރީގައި އެ މައްސަލައިގައި ހައްޔަރުކުރި ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލުގެ އިތުރުން އިތުރު ބަޔަކުވެސް ތިބިކަމަށް ޔުމްނު ބުނާ ކަމަށެވެ.

ޔުމްނުގެ މައްސަލާގައި ފުލުހުން ބުނެފައިވަނީ، ޔުމްނުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުދޭތީ މެލޭޝިއާ ފުލުހުންނާ ގުޅިގެން އޭނާގެ ބަޔާން ނަގަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ޔުމްނުގެ އާއިލާއިން ބުނެފައިވަނީ، ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުން ރަސްމީކޮށް އަންގާފައި ނުވާކަމަށާއި، ޤާނޫނާ ޤަވާއިދުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާގެ ފަރާތުން ހުރަހެއް ކުރިމަތި ނުކުރާނެ ކަމަށެވެ.

ރިޔާސީ ކޮމިޝަނުން ރިޕޯޓު ނެރެ އެ ކޮމިޝަންވެސް މިހާރު އުވާލާފައިވާއިރު، ކޮމިޝަނުގެ ތަހުގީގަށް ޖުމްލަ 69 މީހެއްގެ ބަޔާން ނަގާފައިވެއެވެ. އެ ރިޕޯޓުގައި ވަނީ އެއްވެސް މީހަކު ޔުމްނު ވައްޓާލި ކަމަށް ނުބެލެވޭ ކަމަށެވެ. އެކަމަކު، ޔުމްނުއާއެކު އުޅުނު އަހުމަދު ރައުދު، 21، ގެ އިހުމާލުތަކެއް އެ މައްސަލައިގައި އޮތް ކަމަށް ބެލެވޭ ކަމަށް ކޮމިޝަނުން ބުންޏެވެ. އެއީ ޔުމްނު ވެއްޓުނުކަން އެނގުމުން ވެސް އެހީތެރިވެނުދީ ދިޔުމުގެ އިހުމާލެވެ.



ކިޔުންތެރިންގެ ހިޔާލު