ވީރާނާވެފައިވާ ޣައްޒާގައި އެ ސިޓީގެ ރައްޔިތުން-
ވީރާނާވެފައިވާ ޣައްޒާގައި އެ ސިޓީގެ ރައްޔިތުން-
ޣައްޒާ ޔަހޫދީންގެ ފުރިހަމަ އަސްކަރީ ބާރުގެ ދަށަށް ގެންގޮސްފިނަމަ ފަލަސްޠީނުގެ ރައްޔިތުން އިތުރަށް ނިކަމެތިވެ، ޤަތުލުއާއްމު އިތުރަށް ފުޅާވެގެންދާނެކަމަށް އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ވެރިޔާ ބުނެފިއެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ވެރިޔާ، ވޯލްކަރ ޓޫކް ބުނީ ޔަހޫދީންގެ މި ރޭވުމަކީ، "ޣައްޒާގައި ޔަހޫދީންގެ އިސްތިޢުމާރީ ބާރު ނިމުމަކަށް ގެނެސް، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ނެރެފައިވާ އަމުރާ މުޅީން ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެހެންކަމުން މިކަން ވަގުތުން ހުއްޓުވުމަށް އޭނާ ވަނީ ގޮވާލާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ޣައްޒާ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަކީ އެއީ އެމީހުންގެ މަޤްޞަދު ކަމަށެވެ. އަދި ޣައްޒާ ޔަހޫދީންގެ އަސްކަރީ ބާރުގެ ދަށަށް ގެނެސް، އެ ސަހަރުގެ ހިންގުން ޢަރަބި ފައުޖަކާ ޙަވާލުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޣައްޒާގައި 61،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ޔަހޫދީންގެ މި އަމަލުތައް ކުށްވެރިކޮށް މުޅި ދުނިޔެއިން ދަނީ ޣައްޒާގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޔަހޫދީން ދަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުން ހުއްޓުވައި، އިންސާނިއްޔަތާ ޚިލާފު އެތައް ޢަމަލުތަކެއް ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު