ޖާނަލިސްޓުންނަށް ހަމަލާދީ ޝަހީދުކޮށްލި ތަން
ޖާނަލިސްޓުންނަށް ހަމަލާދީ ޝަހީދުކޮށްލި ތަން
އިސްރާއީލު ސިފައިން ރޭ ޣައްޒާގައި ތިބި އެންމެ ފާހަގަކޮށްލެވޭ އަލްޖަޒީރާގެ 2 ނޫސްވެރިންނާއި، އެ ނޫސްވެރިންގެ މުޅި ޓީމު ޝަހީދުކޮށްލައިފިއެވެ.

މިއީ ޣައްޒާ ސިޓީއަށް އިސްރާއީލުން ދޭން ގަސްދުކުރާ ބޮޑު ހަމަލާގެ ފެށުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ޣައްޒާގެ އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ޑިރެކްޓަރު ހާމަކުރި ގޮތުގައި، އަލްޖަޒީރާގެ ނޫސްވެރިން އަނަސް އަލް-ޝަރީފް އަދި މުހައްމަދު ޤުރެއިޤެއާ ޝަހީދުވެފައިވަނީ އެ ދެ ނޫސްވެރިން ތިބި ޓެންޓަށް އިސްރާއީލު ސިފައިން ދިން ހަމަލާއަކުންނެވެ. މިއީ ނޫސްވެރިންނަށް އަމާޒުކޮށް ގަސްދުގައި ދިން ހަމަލާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާގައި ކެމެރާމަނުންނާއި ފޮޓޯގްރާފަރުންކަމަށްވާ އިބްރާހިމް ޒާހިރު، މުހައްމަދު ނައުފަލް އަދި މުސްއަބް އަލް-ޝަރީފްވެސް ޝަހީދުވެފައިވެއެވެ.

28 އަހަރުގެ އަނަސް އަލް-ޝަރީފް ވަނީ ހޮސްޕިޓަލުގެ މައި ދޮރާށީގެ ބޭރުގައި މަރުކަޒުކޮށްގެން، އުތުރު ޣައްޒާގެ ހާލަތު ފުޅާ ދާއިރާއެއްގައި ރިޕޯޓުކުރަމުން ގެންގޮސްފައެވެ. އޭނާ ޝަހީދުވުމުގެ ކުރިން، އެކްސްގައި ޕޯސްޓްކޮށްފައިވަނީ ޣައްޒާ ސިޓީގެ އިރުމަތީ އަދި ދެކުނު ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދިޔަ ވަރުގަދަ މިސައިލް ހަމަލާތަކާ ބެހޭ ގޮތުންނެވެ. އޭނާގެ އެންމެ ފަހުގެ ވީޑިއޯގައި ހިމެނެނީ އޭނާ ހުރި ސަރަހައްދާ ކައިރިން އިވުނު ގޮވުމުގެ އަޑުތަކެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ގެ ޗީފް އެގްޒެކެޓިވް ޖޯޑީ ގިންސްބަރގް ވިދާޅުވި ގޮތުގައި އަނަސް އަލް-ޝަރީފް ޝަހީދުކޮށްލުމަކީ އިސްރާއީލުން ނޫސްވެރިންނަށް ހަމަލާ ޓާގެޓްކުރުމުގެ ދިގު ތާރީޚެއްގެ ބައެކެވެ. "މިއީ އަނަސް އަލް-ޝަރީފްގެ މައްސަލައެއް ނޫން. މިއީ އެތައް އަހަރެއް މަތީން އިސްރާއީލުން ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ހެއްކެއް،" ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު