ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ
މި ސަރުކާރު އައީ ވިޒިޓް މޯލްޑިވްސްގެ ދަށުން ޗުއްޓީ ހޭދަކޮށްލަން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޣަފޫރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން ޖެހުމުން މި ސަރުކާރުގައި ފައިސާ ނުހުންނަ ކަމަށެވެ. އަދި މިސަރުކާރުން ވައްކަމުގެ ތުހުމަތުކޮށް ވަކިކުރި މެނޭޖިން ޑިރެކްޓަރުންގެ މައްސަލަ ނުބަލާ ކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު މިއަދު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށް ނުދީ ސަރުކާރު އުޅެނީ ޗުއްޓީ ހޭދަކުރުމާއި ކޮރަޕްޝަން ހިންގުމުގައި ކަމަށެވެ. ހުރިހާ ސަރުކާރެއްގައި ވެސް ސަރުކާރުގެ ތެޔޮ ކުންފުނި އެފްއެސްއެމުން ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަންކޮށްފައިވާ ކަމަށާއި، ނަމަވެސް ވައްކަންކުރި ގިނަ މީހުން އަދިވެސް ތިބީ ވަޒީފާގައި ކަމަށެވެ.

“މި ސަރުކާރު އައީ ވިޒިޓް މޯލްޑިވްސްގެ ދަށުން ޗުއްޓީ ހޭދަކޮށްލަން. އޮންނަނީ ދަތުރު ކުރުމާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި، ރައްޔިތުންގެ ފައިސާއިން ޕާޓީ ބާއްވައި މަޖާ ކުރުމާއި، ވައްކަން ކުރުމާއި ކޮރަޕްޝަން ހިންގުން.” ޣަފޫރު ވިދާޅުވިއެވެ.

އޭގެއިތުރުން ހުރިހާ ސަރުކާރެއްގައިވެސް ސިފްކޯއާއި ޕޮލްކޯއިން ބޮޑެތި މަޝްރޫއުތައް ނަގައި، އެ މަޝްރޫއުތައް އެހެން ކުންފުނިތަކާ ހަވާލުކޮށް، ކޮށްގެން ނުވާނެ ކަންކަން ކޮށްފައިވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

“އަޅުގަނޑު މި ގޮވާލަނީ ސިފްކޯއާއި ޕޮލްކޯއާއި ޕްރެސްކެޑު އުވާލަން. ދައުލަތުން ފައިސާދޭނެ ފުލުހުންނަށް ވެސް ސިފައިންނަށް ވެސް އަދި ކަރެކްޝަނަލް ސާވިސް ކުރަން ބޭނުންވާ ކަންތައްތައް ކުރަން.” ޣަފޫރު ވިދާޅުވިއެވެ.

މިކަން ކުރަން ކުރަންޖެހެނީ ޤައުމަށްޓަކައިކަން ފާހަގަ ކުރަށްވަމުން ޣަފޫރު ވިދާޅުވީ، ވައްކަންކުރީމާ ވައްކަމުގެ ޓެގު އަޅުވާފައި ގޮޅިއަށްލުމުގެ ބާރު ދައުލަތެއްގައި އޮންނަން ޖެހޭނެ ކަމަށެވެ.

ހަމައެއާއެކު، އެމްޑީޕީގެ ސަރުކާރުން ވައްކަން ކޮށްފައިވާ ކަމަށް ޕީއެންސީން ބުނަމުންދާއިރު އެމައްސަލަތައް ނުބަލަނީ ކީއްވެތޯ ޣަފޫރު މިއަދު ވަނީ ސުވާލު އުފައްދަވާފައެވެ.

“ސަރުކާރަށް ދެ އަހަރުވީ. ކޮން ބޭފުޅަކަށްތޯ ހުކުމެއް ޖެހުނީ. އަދިވެސް އެ އޮތީ އެމްއެމްޕީއާރުސީ މައްސަލަވެސް އޮތްގޮތަށް. ކުރިއަކަށް ނުދޭ. ނުބެލޭ.” ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު މިހެން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރުސީ ހިޔާނާތުގައި ގެއްލުނު 1.4 ބިލިއަން ރުފިޔާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހޯދިފައިވާ ކަމަށް މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމް މިއަދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު