ދިވެހި ހާޖީން އެއަރޕޯޓްގައި
ދިވެހި ހާޖީން އެއަރޕޯޓްގައި
ހައްޖަށް ދާން ޖާގަލިބޭ މީހުންގެ ލިސްޓް އާންމު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އަބަދުވެސް މަސައްކަތް ކުރަށްވަނީ ހައްޖު ކޯޕަރޭޝަންގެ މަސައްކަތް ދެފުށްފެންނަ ގޮތަކަށް ހިންގުމަށް ކަމަށެވެ. އެގޮތުން ހައްޖު ކިޔު ލިސްޓް އާންމުކުރަން މަސައްކަތް ކުރަށްވަމުން ދާކަން ވަޒީރު މިއަދު ފާހަގަ ކުރެއްވިއެވެ.

“މަސައްކަތް ކުރަމުން އެބަ ގެންދަން ހައްޖަށް ޖާގަލިބޭ ފަރާތްތަކުގެ ލިސްޓް އާންމު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް.” ވަޒީރު މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު ވަޒީރު މިއަދު ވިދާޅުވީ، އަބަދުވެސް ޙައްޖަށް މީހުން ގެންދަނީ ކިއުގެ ތަރުތީބުން ކަމަށާއި، ކިއުއަށް އެއްވެސް ބަދަލެއް ގެނައުމަކީ ޙައްޖު ކޯޕަރޭޝަނުން ކުރާ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ބައެއް ފަހަރު، ހައްޖު ގާތް ވެފައިވަނިކޮށް އެ އަހަރެއްގައި ހައްޖަށް ދިއުމަށް ކޯޓާ ލިބޭ މީހާ ކޯޓާ ދޫކޮށްލާ ކަމަށާއި އެޙާލަތުގައި ލިސްޓު ތަރުތީބުން އެހެންމީހަކަށް އެ ފުރުސަތު ދޭކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

އޭގެއިތުރުން ހައްޖުވެރިންގެ އެހީތެރިން ނެގުމުގައިވެސް އުސޫލުތަކެއް އޮންނަ ކަމަށާއި، އެހީތެރިން ނަގަނީ އިއުލާނުކޮށް އިންޓަވިއުކޮށްގެން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު