ޙައްޖު ޚުތުބާ ދެނީ-
ޙައްޖު ޚުތުބާ ދެނީ-
މުސްލިމު އުންމަތް އެކުވެރިކޮށް، މުސްލިމުންގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް، މުޅި އުންމަތް ހައްގުގެ މައްޗަށް ޖަމާކުރެއްވުމަށާއި، އިސްލާމީ ގައުމުތަކުގެ ވެރިންނަށް ތެދުމަގުގައި ސާބިތުކަން ދެއްވުމަށް އެދި މިއަހަރުގެ ހައްޖު ހުތުބާގައި ގޮވާލައްވައިފިއެވެ.

މިއަހަރުގެ ހައްޖު ހުތުބާ ދެއްވީ މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. އަލީ ބިން އަބްދުއްރަހުމާން އަލް-ހުޒައިފީއެވެ. ޝައިޚް ހުޒައިފީއަކީ 1979 ވަނަ އަހަރުން ފެށިގެން މަސްޖިދުއްނަބަވީގެ އިމާމްކަމާއި ޚަތީބުކަން ކުރަށްވަމުން ގެންދަވާ، މުޅި އިސްލާމީ ދުނިޔެ އިހުތިރާމްކުރާ ބޮޑު އިލްމުވެރިއެކެވެ.

ހައްޖުގެ އަޅުކަމުގެ އަދަބުތަކަށް އަލިއަޅުއްވާލައްވަމުން އިމާމު ވިދާޅުވީ، ހައްޖުގެ ތެރޭގައި އުރެދުންތަކުން ދުރުހެލިވާންޖެހޭނެ ކަމަށެވެ. "ޒުވާބުކުރުމާއި، ސިޔާސީ ޝިއާރުތަކާއި ވަކި ފަރާތްތަކަށް ތާއީދުކޮށް ގޮވާލާ ގޮވާލުންތަކުން ދުރުހެލިވާންޖެހޭ،" އިމާމު ވިދާޅުވިއެވެ. އަދި މަސްޖިދުލްހަރަމްގެ މާތްކަން ފާހަގަކުރަށްވައި، ނުބައި ކަމަކަށް ހިތުލައިގެން އެ ބިމަށް ހިނގައްޖެ މީހަކަށް ލިބޭނެ އުގޫބާތުގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވިއެވެ.

ހަމައެއާއެކު މިއަދުގެ ހުތުބާގައި ހަނދާން ކޮށްދެއްވީ ގިޔާމަތް ދުވަހުގެ ބިރުވެރިކަމެވެ. އެ ދުވަހުގެ ބިންހެލުމަކީ ބޮޑުވެގެންވާ ކަމެއް ކަމަށާއި، އެ ދުވަހުގެ ބިރުވެރިކަމުން މާބަނޑު މީހުން ބަނޑުގައިވާ ދަރި ވައްޓާލާނެ ކަމާއި، މީސްތަކުން މަސްތުވެފައިވާ ބަޔަކު ފަދައިން އާވާރާވެގެން ދުވާނެކަން ހަނދާންކޮށްދެއްވިއެވެ.

އާހިރަތަށްޓަކައި ވެވޭނެ އެންމެ ބޮޑު ތައްޔާރީއަކީ މާތް ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުން ކަމަށް އިމާމު ވިދާޅުވިއެވެ. އަދި ﷲ ފިޔަވައި އެހެން ފަރާތްތަކަށް ދުއާކުރުން ހުއްޓާލުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

މާތް ﷲ އަށް ޝުކުރުވެރިވުމަށާއި ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވަމުން، ކެތްތެރިންގެ އަޖުރަކީ އެއްވެސް ހިސާބަކާ ނުލައި ﷲ ދެއްވާނެ އެއްޗެއްކަން ބަޔާންކުރައްވައި ޒުމަރު ސޫރަތުގެ 10 ވަނަ އާޔަތް ކިޔަވައިދެއްވިއެވެ. މީގެ އިތުރުން، އެކަކު އަނެކަކަށް އިހުސާންތެރިވުމަށާއި ބަހުގެ ތެދުވެރިކަން އިސްކުރުމަށް ވެސް ހުތުބާގައި ބާރުއެޅުއްވިއެވެ.

ހުތުބާ ނިންމަވާލެއްވީ ހައްޖުވެރިންގެ ހައްޖު ގަބޫލުކުރެއްވުމަށާއި، ދުއާތަކަށް އިޖާބަ ދެއްވުމަށް އެދި ދުއާކުރައްވަމުންނެވެ. ވަކިން ހާއްސަކޮށް، އަނިޔާ ލިބެމުންދާ މުސްލިމުންނަށް ކެތްތެރިކަމާއި އަވަސް ނަސްރެއް ދެއްވުމަށާއި، މުސްލިމު އުންމަތް އެއްބައިވަންތަ ކުރައްވައި ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމަށް އެދި އިމާމު ދުއާ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު