އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް
ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މިޤައުމުގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމަށް ފަރުމާކުރެވިފައިވާ ޕްރޮގުރާމެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

‎މިނިސްޓަރ މިހެން ވިދާޅުވީ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ނިންމާ ސަނަދު ހާސިލްކުރި ދަރިވަރުންނަށް ސަނަދު ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ މި ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއްކަމަށާއި ރައީސްގެ އެންމެ ފުރަތަމަ ތަޤުރީރުގައި ފާހަގަކުރެއްވި މީހުން ބިނާ ކުރުމާއި ފިކުރީ ގޮތުން ކުރިއެރުވުމުގެ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގުރާމެއްކަމަށެވެ.

‎ޒުވާން ޚަޠީބުންނަށް އަގުހުރި ގިނަ ނަސޭހަތްތަކެއް ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މި ޕްރޮގުރާމުގައި ބައިވެރިވި ޒުވާން ކުދިން އިޚްތިޔާރުކޮށްފައިވަނީ ވަރަށް މާތް މަގެއްކަމަށާއި ޚަޠީބުކަމުގެ މަޤާމަކީ ވަރަށް މަތީ އަދި ޝަރަފްވެރި މަޤާމެއްކަމަށެވެ. އަދި ޒުވާން ޚަޠީބުން މުޖުތަމަޢުއަށް ދައްކައިދެމުންދަނީ ވަރަށް ރިވެތި ނަމޫނާއެއްކަމަށާއި މިކަމުގެ މަތީގައި އަބަދަށް ދެމިތިބުމަށާއި، މި ދާއިރާއިން އިތުރަށް ހުނަރު ތަރައްޤީ ކުރުމަށް މަސައްކަތް ކުރެއްވުމަށް މިނިސްޓަރ ވަނީ ނަސޭހަތްތެރިވެފައެވެ.

‎ޒުވާން ޚަޠީބުން އިސްވެ، މި ދާއިރާއިން އިތުރު ޒުވާނުން ކުރިއަށް ދިއުމަށް ހިއްވަރުދީ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރެއްވުމަށް ސަނަދު ޙާސިލްކުރެއްވި ޒުވާނުންނަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

‎މިނިސްޓަރގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމު ނިންމާ ޒުވާނުންނަށް ރަށްރަށުން ކިޔާ ހޫނު މަރުޙަބާއާއި، ޢީދު ނަމާދު ފަދަ ބޮޑެތި ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު ދޭ މަންޒަރަކީ އުފާވެރި މަންޒަރެއްކަމަށާއި މިކަމުން އެނގިގެންދަނީ މި ޕްރޮގުރާމު ބަލައިގެންފައިވާ މިންވަރުކަމަށެވެ.

‎ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން މިއަދު ވަނީ ސަނަދު ހާސިލްކޮށްފައެވެ. މިއާއެކު މިހާތަނަށް މި ސަނަދު ޙާސިލްކުރި ޚަޠީބުންގެ އަދަދު ވަނީ 503 އަށް އަރާފައެވެ. އިސްލާމިކް މިނިސްޓްރީބް އަމާޒު ހިފާފައިވަނީ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު