ޣައްޒާ ސިޓީގައި އިސްރާއީލުގެ ސިފައިން-
ޣައްޒާ ސިޓީގައި އިސްރާއީލުގެ ސިފައިން-
ޣައްޒާ ހިފުމަށް އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ނިންމި ނިންމުމާ އެއް ގޮތައް، އެ އޮޕަރޭޝަން ހިންގާނެ ގޮތުގެ "އޮނިގަނޑު" ފާސްކޮށްފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

މިކަމާ ގުޅިގެން އާންމުކޮށްފައިވާ ސިފައިންގެ ބަޔާނުގައި، ސިފައިންގެ އެންމެ އިސް ވެރިޔާ ލެފްޓިނަންޓް ޖެނެރަލް އެެޔާލް ޒަމީރު "އައިޑީއެފްގެ ޣައްޒާ ސަރަޙައްދުގެ އޮޕަރޭޝަނަލް ޕްލޭންގެ މައިގަނޑު އޮނިގަނޑު" ފާސްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް އިސްރާއީލުގެ ސިފައިން ޣައްޒާ ގެ އެންމެ ބޮޑު ސިޓީއަށް ވަންނާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

ޣައްޒާ ސިޓީ އަކީ ހަނގުރާމައިގެ ނުރައްކަލުން ކޮންމެވެސް ވަރެއްގެ ރައްކާތެރި ކަމެއް ހޯދުމަށް ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ޖަމާވެފައިވާ ސިޓީ އެކެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނީ މި ފަހުގެ ދުވަސްތަކުގައި ޣައްޒާ ސިޓީއަށް އިސްރާއީލުން ދޭ ވައިގެ ހަމަލާތައް އިތުރުވެފައިވާ ކަމަށާއި، ޒައިތޫން އަދި ސަބްރާގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް "ވަރަށް ބޮޑެތި ވައިގެ ހަމަލާތައް ދީފައިވާ ކަމަށެވެ. އެއީ އާންމު ރައްޔިތުންގެ ގެތަކަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއް ކަމަށާއި، އޭގެ ތެރޭގައި އުސް އިމާރާތްތައް ވެސް ހިމެނޭ ކަމަށް އެޖެންސީން ވަނީ ބުނެފައެވެ.

ސިފައިންގެ ޕްލޭން ފާސްކުރި ޚަބަރު އައިސްފައި ވަނީ، ހަމާސް ގެ އިސް ވަފުދެއް ގާހިރާ އަށް ދަތުރުކޮށް، ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމާ ގުޅޭ ގޮތުން މިސްރުގެ މެދުވެރިންނާ އެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ހާމަ ކޮށްފައިވާ ދަނޑިވަޅެއް ގައެވެ.



ކިޔުންތެރިންގެ ހިޔާލު