ޔޫރަޕިއަން ޔޫނިއަންގެ ދިދަ-
ޔޫރަޕިއަން ޔޫނިއަންގެ ދިދަ-
އިސްރާއީލުން ހިސޯރު ކޮށްފައިވާ ވެސްޓް ބޭންކުގައި ޔަހޫދީންނަށް ގެތައް އިމާރާތްކުރުމުގެ މަޝްރޫޢުން "ދުރުހެލިވުމަށް" ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިސް ޑިޕްލޮމެޓް ގޮވާލައްވައިފިއެވެ.

ޔޫރަޕިއަން ގޫނިއަންގެ އިސް ޑިޕްލޮމެޓް ކާޖާ ކާލާސް ބުނީ ޖެރޫސަލަމްގެ އިރުމަތީގައިވާ އީ1 އާބާދުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިސްރާއީލުގެ ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ދެ ދައުލަތުގެ ޙައްލު އިތުރަށް ބަލިކަށިކޮށްލާ ކަމެއްގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

މި ނިންމުން ކުރިއަށް ގެންދިއުމުން ކުރާނެ ފުޅާ ދާއިރާގެ އަސަރުތައް ފާހަގަކުރަމުން، މި ނިންމުން ކުރިއަށް ނުގެންދިއުމަށް ޔޫރަޕިއަން ޔޫނިއަނުން ވަނީ އިސްރާއީލަށް ގޮވާލާފައެވެ.

އިސްރާއީލުގެ ހައްދުފަހަނަ އެޅި މާލީ ވަޒީރު ވަނީ ވެސްޓް ބޭންކުގެ ވަކިން ޚާއްޞަ ސަރަޙައްދެއްގައި 3,400 ގެ އިމާރާތްކުރުމުގެ މަޝްރޫޢަށް ހުއްދަ ދީފައެވެ.

އަދި އެތައް ޤައުމަކުން ހާމަ ކޮށްފައިވާ ފަލަސްޠީނުގެ ދައުލަތެއް ގަބޫލުކުރުމުގެ ވިސްނުމަށް ރައްދު ދިނުމުގެ ގޮތުން އެ ސަރަޙައްދު އިސްރާއީލުން ހިފުމަށް އޭނާ ވަނީ ގޮވާލާފައެވެ.

އެ ސަރަޙައްދުގައި އިސްރާއީލުން ޔަހޫދީންނަށް ގެތައް އިމާރާތްކުރުމުން އިސްރާއީލް-ފަލަސްޠީނު މައްސަލަ އަށް ހައްލު ހޯދުމަށް މުޅި ދުނިޔެ ގަބޫލު ކުރާ ދެ ދައުލަތުގެ ޙައްލު ހޯދުމުގެ އުންމީދުތަކަށް "ނިމުމެއް އަންނާނެ" ކަމަށް އދ. އިން ވަނީ ބުނެފައެވެ.

ޖެރޫސަލަމްގެ އިރުމަތީގައިވާ އީ1 ގެ ނަމުން މަޝްހޫރު ޚާއްޞަ ބިމުގައި އިމާރާތްކުރުމުގެ އަމާޒު އިސްރާއީލުން ވަނީ ދިގު މުއްދަތެއް ވަންދެން ގެންގުޅެފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ ފިއްތުންތަކާ ހެދި މި މަޝްރޫޢު ވަނީ އެތައް އަހަރެއް ވަންދެން މަޑުޖައްސާލާފައެވެ.

ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ވެސްޓް ބޭންކުގައި އިސްރާއީލުން އާބާދުކުރާ ސަރަޙައްދުތަކަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް