އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު
މީޑިއާ ރެގިއުލޭޓަރީ ބިލުން ނޫސްވެރިންގެ އަނގަ މަތީގައި އަތްއަޅަން މަސައްކަތް ކުރި ނަމަވެސް އިތުރަށް ވާނީ އަޑުގަދަ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު، ވިދާޅުވެެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށައަޅާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު”ގެ ބަހުސް މަޖިލީހުގައި ކުރިއަށް ދިޔަ ވަގުތު ނޫސްވެރިންވަނީ އަނގަމަތީގައި އަތްއަޅައިގެން ތިބެ މަޖިލީހުގައި އިޙްތިޖާޖް ކޮށްފައެވެ.

އަދި އެބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ވަނީ ގޮވާލައިފައެވެ.

އެކަމާ ގުޅިގެން އަމްރު މިއަދު ވިދާޅުވީ، ނޫސްވެރިންގެ އަނގައިގަ އަތް އަޅަން ސަރުކާރުން މަސައްކަތްކުރި ވަރަކަށް ނޫސްވެރިންގެ އަޑު ވާނީ ގަދަ ކަމަށެވެ.

“ޚުދުމުޚުތާރު އަނިޔާވެރި ވަގު ވެރިކަމަކަށް ޖާގައެއް ނުދެވޭނެ.” އަމްރު ވިދާޅުވެފައިވެއެވެ.

އަމްރު މިހެން ވިދާޅުވެފައިވާއިރު، މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގެ މައްސަލާގައި ނޫސްވެރިން މަޖިލީހުގައި އިޙުތިޖާޖު ކުރަމުން ދަނިކޮށް ބިލާއިމެދު ގޮތެއް ނިންމުމެއްނެތި މަޖިލީހުގެ މިދައުރު ވަނީ ނިންމާލާފައެވެ.

މީޑިއާ ރެގިއުލޭޓަރީ ބިލުގައި ބުނެފައިވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ.

ހަމައެހެންމެ، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު