އެއާ ފްރައި ކޮށްފައި ހުރި ކުކުޅު-
އެއާ ފްރައި ކޮށްފައި ހުރި ކުކުޅު-
މިހާރަކަށް އައިސް ގިނަ ގޭގޭގެ ބަދިގެތަކުގައި އެންމެ ގިނައިން ބޭނުންކުރާ އެއް އިލްކެޓްރޯނިކް ޑިވައިސް އަކީ 'އެއާ ފްރަޔާ' އެވެ. މާ ގިނަ ތެޔޮ ބޭނުން ކުރުމެއްނެތި އެއާ ފްރަޔާއިން ކާއެއްޗެހި ބޭނުން ވަރަކަށް 'ކްރިސްޕީ' ކޮށް ހަދާލެވޭތީ ގިނަ ބަޔަކަށް މި ވަރަށް ކަމުދެއެވެ. ގިނަ މީހުން ދެކޭ ގޮތުގައި އާންމުކޮށް ކައްކާ އެއްޗެއްސަށްވުރެ އެއާ ފްރައި ކުރާ ކާއެއްޗެހިން ހަށިގަނޑަށް ލިބޭ ފައިދާތައް ގިނައެވެ.

ކެލިފޯނިއާގެ ގެސްޓްރޮނޮލޮޖިސްޓެއް ކަމަށްވާ ޑރ. ޝޯރަބް ސޭޓީ ވަނީ ދާދި ފަހުން މިކަމަށް އަލިއަޅުވާލައި ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނިގޮތުގައި އެއާ ފްރައި ކުރާ އެއްޗެހިން ހަށިގަނޑަށް ފައިދާ ލިބެނީ އެއާ ފްރަޔާ ބޭނުންކުރާ ގޮތެއްގެ ސަބަބުންނެވެ.

ބައެއް މީހުން ދެކޭގޮތުގައި އެއާ ފްރައި ކޮށްގެން ކޮންމެ އެއްޗެއް ކެޔަސް އޭގެ ސަބަބުން އޮޓޮމެޓިކުން ހަށިގަނޑަށް ލިބޭ ފައިދާތައް ވަރަށް ގިނަވެއެވެ. އެހެންނަމަވެސް ހަގީގަތުގައި މިއީ ކުއްހީއެކެވެ. އެއާ ފްރައި ކުރުމުން އެއްޗެހީގައި ހުންނަ ތެލުގެ މިންވަރު ދަށްވިނަމަވެސް ޕްރޮސެސްކޮށްފައި ހުންނަ ކާއެއްޗެއްސާއި، ހަށިގަނޑަށް ގެއްލުންވާފަދަ ތެލުގެ ބާވަތްތައް ބޭނުން ކުރުމުން އޭގެ ސަބަބުން މީހާގެ ސިއްހަތަށް ގެއްލުންވާނެކަމަށް ޑރ. ޝޯރަބް ވަނީ ބުނެފައެވެ.

އަދި ބައެއް މީހުން އެއާ ފްރައި ކުރާއިރު ސިއްހަތަށް ފައިދާވާނެ ކަމަށް ހީކޮށް އެއްވެސް ވަރަކަށް ތެޔޮ ބޭނުން ނުކޮށްވެސް އެއާ ފްރައި ކޮށްގެން އެއްޗެހި ކައި އުޅެއެވެ. މިއީ ރަނގަޅު ކަމެއް ނަމަވެސް، ފައިދާހުރި ވައްތަރެއްގެ ތެޔޮ ކުޑަކުޑަކޮށް ބޭނުން ކުރުމަށް ޑރ. ޝޯރަބް ލަފާ ދެއެވެ. އެގޮތުން އެވޮކާޑޯ ތެޔޮ ނުވަތަ ގިތެޔޮ ފަދަ ބާވަތްތައް ބޭނުން ކުރުމުން ކާއެއްޗެހީގައި ހުންނަ ނިއުޓްރިއެންޓުތައް ހަށިގަނޑަށް ނަގައިގަންނަން ފަސޭހަވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މޭވާއާއި ތަރުކާރީ ފަދަ އެއްޗެހި އެއާ ފްރަޔާގައި ކައްކާއިރު، ތެޔޮ ހާކާފައިހުރި 'ޕާޗްމެންޓު ޕޭޕާރ' ގެ މަތީގައި ބަހައްޓާފައި އެއާ ފްރައި ކުރުމަށް ޑރ. ޝޯރަބް ލަފާ ދެއެވެ. މިހެން ނަހަދާނަމަ މޭވާތައް ވަރަށް ފަސޭހައިން އަނދާނެ ކަމަށާއި، އެ އެއްޗެހި ކެއުމުން ހަށިގަނޑު އިންފްލެމޭޓު ވުމަށް މެދުވެރިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

އެއާ ފްރަޔާއަކީ ރަނގަޅަށް ބޭނުން ކޮށްފިނަމަ އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭ އެއްޗެއް ކަމުގައި ޑރ. ޝޯރަބް ވަނީ ބުނެފައެވެ. އެހެންނަމަވެސް އެއާ ފްރަޔާ ގަންނައިރު ސެރަމިކް ނުވަތަ ސްޓެއިންލެސް ސްޓީލް އިން އެތެރެފުށް ހަދާފައި ހުންނަ އެއާ ފްރަޔާ ގަތުމަށް އޭނާ އިލްތިމާސް ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް