ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ޓާމިނަލް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ޓާމިނަލް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ޓާމިނަލްގެ އެންމެ ބޮޑު ބައެއް ނިންމެވީ ރައީސް ޞާލިޙް ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވީއައިއޭ ޓާރމިނަލްގެ ވާހަކަ ދެއްކުމަށް މި ސަރުކާރުން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. އެގޮތުން މި ސަރުކާރަށް ބޮޑު މަޝްރޫޢެއް ނިންމިފައި ނެތް ކަމަށާއި، މުޅިންވެސް ފެންނަނީ އޭޓީއެމް މެޝިނާއި، މޯޗަރީ ހުޅުވައިދޭ މަންޒަރު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މުޅި އެއާޕޯޓް މަޝްރޫޢުގެ 65 އިންސައްތަ އެމަނިކުފާނުގެ ސަރުކާރުގައި ނިންމަވާފައިވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޤައުމީޓީމް ސާފް ޗެމްޕިއަންޝިފް ކާމިޔާބު ކުރުމަށްފަހު އޭ380ގެ ބޯޓުގައި ޖައްސާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ނިންމި ރަންވޭއަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“އޭރު ކޮންތާކުތޯ މުޢިއްޒު ހުންނެވީ؟ އޭރު ކޮންތާކުތޯ އެއަރޕޯޓުގެ ވާހަކަ އޮތީ؟” ރައީސް ޔާމީން ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ކުރީ ސަރުކާރަށް އެއަރޕޯޓްގެ ޓަރމިނަލް ނުނިންމުނީ ލާރި ހޯދަން ނޭނގިގެން ކަމަށް ބުނި ނަމަވެސް ޓަރމިނަލް ނިންމުމުގެ އެންމެބޮޑު މަސައްކަތެއް ކުރެއްވީ ރައީސް ޞާލިޙް ކަމަށެވެ.

“ޓަރމިނަލް ނިންމުމުގެ ބޮޑު މަސައްކަތް ކުރަށްވާފައި އޮތީ އިބްރާހިމް މުޙައްމަދު ޞާލިޙް. އެއީ ޞާލިޙްގެ ވެރިކަމާ މިކަން ދިމާވީ. އެހެންވީމާ ޓާރމިނަލްގެ 90 އިންސައްތަ މަސައްކަތް ގާތްގަނޑަކަށް އޮތީ ނިމިފަ.” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޓާމިނަލް ނިންމިފައި ނުވަނީ އެމަސައްކަތް ކުރަމުންދިޔަ ބިންލާދިން ގްރޫޕަށް ދިމާވި ކަންތައްތަކެއްގެ ސަބަބުން ކަމަށާއި، އެއީ ހުރިހާ ރައްޔިތުންނަށްވެސް އެނގޭ ކަމެއް ކަމަށެވެ.

“އިބްރާހިމް މުޙައްމަދު ޞާލިޙަށްވެސް ދޭންވާ ކްރެޑިޓް ދޭންޖެހޭނެ. އެމަނިކުފާނުގެ ސަރުކާރުގައި ޓާމިނަލްގެ ބޮޑުބައި ނިންމި. މިސަރުކާރުން ނިންމީ އޭގެ ކުޑަކުޑަ މަސައްކަތެއް.” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ވީއައިއޭ އެއަރޕޯޓްގެ މަސައްކަތް އެއްކޮށް ނިންމުމަށްފަހު ހުޅުވާފައިވަނީ މިއަހަރުގެ މިނިވަން ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު