ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
މިސަރުކާރުން މިދިޔަ ދެއަހަރު ތެރޭގައި ހުޅުވާފައިވަނީ ކުރީ ސަރުކާރުތަކުގެ މަސައްކަތްތައް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މީސްމީޑީއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި މެންބަރު އައްބާސް ވިދާޅުވީ، ދެއަހަރު ދުވަހުގެ ބަޖެޓުން ރައްޔިތަކަށް އެއްވެސް ކަމެއް ކޮށްނުދެވުނު ސަރުކާރެއް ދިވެހި ރައްޔިތުން އަދި ތަޖުރިބާކޮށްފައި ނުވާ ކަމަށެވެ.

އަދި މިދިޔަ ދެއަހަރު ދުވަހުގެ ބަޖެޓުން 110 ބިލިއަން ރުފިޔާ ހުސްކޮށްލީ ސަރުކާރުގެ ސިޔާސީ އައުވާނުންނަށް މުސާރަ ދިނުމަށް ކަމަށް އައްބާސް ވިދާޅުވިއެވެ. ހަމައެއާއެކު އެފައިސާ ބޭނުން ކޮށްފައިވަނީ، އަތޮޅުތަކުގެ ރަށްތަކުގެ ޕްރޮޖެކްޓުތަށް ހިންގުމަށް ކަމަށް ބުނެ ރައްޔިތުންގެ އަނގަ ބަންދުކޮށް ހަތަރެސްފައި ބަނުމުގެ މަކަރުވެރި ނިޔަތުގައި ދުރާލާ ޕްލޭން ކުރެވިގެން ކޮންމެ ރަށަކުން އެތައް ބަޔަކަށް ވަޒީފާ ދިނުމަށް ކަމަށް މެންބަރު އައްބާސް ވިދާޅުވެފައިވެއެވެ.

“މިދެއަހަރު ދުވަސް ތެރޭގައި ހުޅުވި ކޮންމެ އިމާރާތެއްވެސް ހުޅުވީ ކުރީގެ ސަރުކާރު ތަކުން ފަށާފައިވާ ނިމެމުންދިޔަ ތަންތަންކަން ދިވެހި ރައްޔިތުންނަށް އިގޭނެ. އެވިދާޅުވާ އޭޓީއެމްތަކަކީ ދިވެހި ދައުލަތުގެ ބަޖެޓުން އެންމެ ލޯލާރިއެއްވެސް ހަރަދުކޮށްގެން ހެދި ތަންތަނެއް ނޫން.” އައްބާސް ވިދާޅުވިއެވެ.

އޭގެ އިތުރުން އައްބާސް ވިދާޅުވީ، މިދެއަހަރުގެ ބަޖެޓުން ދަރަނި ދެއްކުމަށް އެތައް މިލިއަން ރުފިޔާއެއް ކަޑައަޅާފައި ވީނަމަވެސް ސަރުކާރުގެ ކުންފުނިތަކުން ދަރަނިތަށް ނުދައްކާ ކަމަށެވެ.

އަދި އެކަމުގެ ނަތީޖާއަކީ ކުދި އަދި މެދުފަންތީގެ ކޮންސްޓްރަކްޝަން ކުންފުނިތައް ދަރަނިވެރިވެ، މުއައްޒަފުންގެ މުސާރަ ނުދެވި އިނދަޖެހުންކަން އައްބާސް ވަނީ ފާހަގަ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު