ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ނޫސްތައް ރެގިއުލޭޓް ކުރުމަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލުގެ ބޭނުމަކީ، ނޫސްވެރިންނަށް އަދަބު ދިނުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އައްބާސް ވިދާޅުވީ، ބިލުގެ ބޭނުމަކީ ސަރުކާރު ނުރުހޭ މީޑިއާތައް ބަންދުކޮށް ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދިނުން ކަމަށެވެ. އޭގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ކުރާ ވައްކަންތައް ފޮރުވައި، ނޫސްވެރިންނަށް އަދަބު ދިނުމަކީވެސް ބިލުގެ މަޤްސަދެއް ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

“ވައްކަން ކުރީމަ އެކަންތައް ހޯދާ ބަލައި މީޑިއާތަކުގައި ލިޔަން ތިބި ބޭފުޅުންގެ ހަތަރެސްފައި ބަންދުކޮށް ކަސްތޮޅު އަޅައި އެބޭފުޅުން ޖަލަށްލައި، އެބޭފުޅުންނަށް އަދަބު ދީ، ސަރުކާރު ނުރުހޭ ކޮންމެ މީޑިއާއެއް މާލީ ގޮތުން ދަތިކޮށް ޖެއްސުންކޮށް ބަންދުކޮށް ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދިނުމަށް ހުށަހަޅާފައި އޮތް ބިލެއް މިއީ.” އައްބާސް ވިދާޅުވެފައިވެއެވެ.

މި ބިލުގެ ބަހުސް މަޖިލީހުގައި ކުރިއަށް ދާއިރު ނޫސްވެރިން މިއަދު ތިބީ މަޖިލީހުގެ ބޭރުގައި ބިލާއި ދެކޮޅަށް އިޙްތިޖާޖުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށައަޅާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ގޮވާލައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް