ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމަޔާ އެކުގައި ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްޔޫ މަނިކް އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނު އެ ގައުމުގެ ގަޑިން 6:30 ގަ އެވެ. އެމްޔޫ މަނިކަކީ ޔުނިވާސަލް އެންޓަޕްރައިސްގެ އެއް ހިއްސާދާރެވެ.

ރައީސް ޔާމީން، މިއަދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށް، އެ ސިނާއަތު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމަޔާއި އެކުގައި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

“މާތްﷲ މަރްޙޫމްގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި.” ރައީސް ޔާމީންގެ މެސެޖްގައިވެއެވެ.

އެމްޔޫ މަނިކު އަވަހާރަވުމާއި ގުޅިގެން ޔުނިވާސަލް އެންޓަޕްރައިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ހިތްވަރާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި އަދި އެތައް ބައެއްގެ ލޯބި ހޯއްދެވި ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަކީ އެތައް ބަޔަކަށް މަގު ދެއްކެވި، އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ.

އެމްޔޫ މަނިކުގެ ޖަނާޒާގެ ކަންތައް ހަމަޖެހިފައިވަނީ މިއަދުގެ ޢަޞުރު ނަމާދަށްފަހު، ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގައެވެ.



ކިޔުންތެރިންގެ ހިޔާލު