ބިންހެލުމުގެ ސަބަބުން ގެތައް ހަލާކުވެފައި-
ބިންހެލުމުގެ ސަބަބުން ގެތައް ހަލާކުވެފައި-
އަފްޣާނިސްތާނުގެ ފަރުބަދަމަތީ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރޭގެ ވަގުތެއްގައި އެ ބިންހެލުން އައިސްފައިވަނީ ޕާކިސްތާނާ ބޯޑަރާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދުގެ ނަންގަރްހާރާއި ކުނާރު ޕްރޮވިންސަށް 6.0 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. މި ބިންހެލުމުގެ އަސަރު ވެރިރަށް ކާބުލް އާއި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާ ހިސާބަށް ވެސް ކުރިކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ތާލިބާނުން ސަރުކާރުގެ އިސް ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ، އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދުގެ ކުނާރު ޕްރޮވިންސުން އެކަނިވެސް ގާތްގަނޑަކަށް 800 މީހުން މަރުވެ 2،500 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ނަންގަރްހާރު ޕްރޮވިންސުން އިތުރު 12 މީހަކު މަރުވެ، 255 މީހުން ޒަޚަމްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިންހެލުމުގައި ގިނަ ގެތަކެއް ހަލާކުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ބުނީ މި ބިންހެލުމުގެ އަސަރު 1.2 މިލިއަން މީހުންނަށް ކޮށްފައިވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު