ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް
ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް
އެމްޑީޕީގެ ވެރިން ކޮށްފައިހުރި ވައްކަންތަކުގެ އިންސާފު ހެއްކާއެކު ވަރަށް އަވަހަށް ހާމަވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ މުޅި ޤައުމު ލޫޓުވާލައިފި ކަމަށްބުނެ އެމްޑީޕީން އިންތިޒާމް ކުރަމުންދާ ޤައުމީ ބޮޑު ޙަރަކާތަށް ރައްދު ދެއްވައި މީސްމީޑިޔާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ފަލާހް ވިދާޅުވީ އެމްޑީޕީން ވަނީ މުޅިޤަޢުމު އެއްކޮށް ދަވާލާފައި ކަމަށެވެ. އަދި ޤައުމު ހަލަބޮލި ކުރަން އުޅެނީ އެ މައްސަލަތައް ބަލާނެތީ ކަމަށްވެސް ފަލާހް ވިދާޅުވެފައިވެއެވެ.

“ކޮށްފަހުރި ވައްކަންތައް މިހާރު ބަލަންފަށާތީ ތިއުޅެނީ ޤަޢުމު ހަލަބޮލި ކުރަން! އެކަންކަން މަތިޖަހަން އަބަދު ތިހެން ޖަރީމާ ހިންގާފަ ޤަޢުމު ނޮޅާ ހުސްކޮށްލާފަ އެހެންމީހުން ބޮލަށްކަނޑާލެވޭނެ ކަމަށް ހީނުކުރަށްވާ!” ފަލާޙް ވިދާޅުވިއެވެ.

ހަމައެއާއެކު ފަލާޙް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ބަދަލުގެ ނަމުގައި ގާތް ރަހްމަތްތެރިންނަށް 800 މިލިއަން ރުފިޔާ ބަހާލި ކަމަށާއި، ކޮވިޑުގައި ޤަޢުމުތަކުން ލިބުނުހާ ހިލޭއެހީ ހުރީ ރާއްޖެއިން ބޭރުގައި އަމިއްލަ އެކައުންޓްތަކުގައި ކަމަށެވެ.

އޭގެއިތުރުން ފަލާޙް ވިދާޅުވީ، ރައްޔިތުންނަކީ މޮޔައިން ނޫން ކަމަށާއި، ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި ކަރުދާހުގައި ސޮއިކޮށް، މަސައްކަތެއް ނުކުރާ ކިތަންމެ ކުންފުންޏަކަށް އެމްޑީޕީގެ ވެރިކަމުގައި އެތައްސަތޭކަ މިލިއަން ރުފިޔާ ބަހާލާފައިވާ ކަމަށެވެ.

“ތިއުޅެނީ މިހާލުގަ ޤަޢުމު ޖައްސާފަ އަދިވެސް ހިތްނުފުރިގެންތަ! މިގޮތަށް ކިޔާނަމަ ރައްޔިތުންނަށް އެމްޑީޕީގެ ވެރިން ހިންގާފަހުރި ޖަރީމާތަށް ހާހުން ކިޔާލަން އެބަހުރި އިންތިޒާރު ކޮށްލައްވާ ކުރި ވައްކަންތަށް އަރާ ހަމަކުރާނެ ހެއްކާއެކު.” ފަލާޙް ވިދާޅުވިއެވެ.

ފަލާޙް މިހެން ވިދާޅުވެފައިވާއިރު އަންނަ އޮކްޓޯބަރ 3 ވަނަ ދުވަހު ޤައުމީ ބޮޑު އެއްވުމެއް ބާއްވަން އެމްޑީޕީން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު