ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން މަގުތަކަށް ނިކުމެ މަގުތައް ފުރާލަންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވެފައިވަނީ އިންޑޮނޭޝިއާގެ މަޖިލިސް މެންބަރުންނަށް އިތުރު އިނާޔަތްތައް ދޭތީ ރައްޔިތުން އެޤައުމުގެ ސަރުކާރާ ދެކޮޅަށް ނުކުތުމާއި ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅުވައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.

އެގޮތުން އައްބާސް ވިދާޅުވީ، އިންޑޮނޭޝިއާގައި ދިމާވެފައިވަނީ ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ޙާލަތު ކަމަށާއި، މިއީ ރައްޔިތުން ނިދިން ހޭލާ ހޭވެރިކަންވާންވީ ވަގުތު ކަމަށެވެ.

“މީ މިއަދު މިގައުމުގެވެސް ހާލަތު.. މިހާލަތުން ޤައުމާއި ރައްޔިތުންނަށް މިންޖުވެވޭނީ ރައްޔިތުން މަގުތަކަށް ނިކުމެ މަގުތަށްފުރާލާ ސަރުކާރު ޖަވާބުދާރީ ކުރުވައިގެން.” އައްބާސް ވިދާޅުވިއެވެ.



އައްބާސް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ހަމަ މަގަށް އެޅުވެން ދެން އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ވަނީ ނިންމާފައެވެ.

އަދި އެމްޑީޕީގެ އެ ނިންމުމަށް ތާޢީދު ކުރަށްވައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، މި ސަރުކާރަށް އެއް އަހަރާއި 10 މަސްވީއިރު ރާއްޖޭގައި ކަންބޮޑުނުވާ އެކަކު ވެސް ނެތް ކަމަށާއި، ޤައުމުގެ ކަންކަން ހުރީ ކަންބޮޑުވާފަދަ ހާލަތެއްގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު