ކުރީގެ ނަައިބު ރައީސް އަހުުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގައި އެކޯޓުން ބާތިލްކުރި 7 ދައުވާ އަލުން ބެލުމަށް ހައިކޯޓުން ޙުކުމް ކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގަައި ކުރި ހަތް ދައުވާ ވެސް އެ ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ދަޢުލަތުންނެވެ.

އެ މައްސަލާގައި މިއަދު ހައިކޯޓުން އިއްވި ޙުކުމްގައި ވަނީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ޙުކުމްގައި ވަނީ އެ މައްސަލަތައް އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގަވައިފައެވެ. އިސްތިއުނާފުގެ މައްސަލައިގައި މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގައި ނިންމެވީ އެ ހަތް ދައުވާ ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 13 ވަނަ ބާބުގައި ބަޔާން ކޮށްފައިވާ ގޮތުން އިބްތިދާއީ އަޑުއެހުމުން ފެށިގެން އަލުން ކުރިއަށް ގެންދިއުމަށެވެ.

ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ކުށަށް އިއުތިރާފްވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ އެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅުމަށް ފަހު ކަމަށް ވިޔަސް، އެއްބަސްވުމުގެ ސައްހަކަން ކަނޑައެޅުމަކީ ކޯޓުގެ ދައުރެއް ނޫން ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ދަށުން ދައުލަތާއި ދައުވާ ލިބޭ މީހާއާ ދެމެދު ހަދާ އިއުތިރާފު އެއްބަސްވުމުގެ ސައްހަކަން ބެލުމަކީ އެއީ ގާޒީއިން ކުރައްވަން ޖެހޭ ކަމެއް ނޫން ކަމަށް ހުކުމްގައި ވެއެވެ. އެފަދަ އެއްބަސްވުމެއް ހުށަހަޅައިފިނަމަ ދައުވާ ލިބޭ ފަރާތަށް ފުރުސަތު ދޭން ޖެހޭނީ އެ އެއްބަސްވުމާ އެއްގޮތަށް އިއުތިރާފުވަންތޯ ނުވަތަ ނޫންތޯ ކަމަށް ބުނުމުގެ ފުރުސަތު ކަމަށް ހައިކޯޓުގެ ޙުކުމްގައި ފާހަގަކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ އަލުން ތަހުގީގުކޮށް އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލި އެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ. ނަމަވެސް ތަހުގީގުގެ ތެރެއިން ކުށަށް އިއުތިރާފުވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ ދެމެދު ހެދި އެއްބަސްވުން ގޯސް ކަމަށް ނިންމައި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ވަނީ އެ ހުރިހާ ދައުވާއެއް މިދިޔަ ޖުލައި މަހު ބާތިލްކޮށްފައެވެ.

ހަމައެއާއެކު ހައިކޯޓުން މިއަދު ނިންމާފައިވަނީ، މިއަދުން ފެށިގެން 15 ދުވަހުުގެ ތެރޭގައި އަދީބުގެ ބަންދާ މެދު އަލުން ކްރިމިނަލް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ. އަދި އެ ކޯޓުން ގޮތެއް ނިންމަންދެން އަދީބު ހުންނަވަން ޖެހިވަޑައިގަންނަވާނީ ހައިކޯޓުން ކުރިން ނެރެފައިވާ އަމުރުގެ ދަށުން ރިމާންޑް ޖަލެއްގައި ބަންދުގައި ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިިޔާޒުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން މަޒީދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން