ހަނދު ކޭތައެއް
ހަނދު ކޭތައެއް
މާދަމާރޭ ހިފާ ހަނދު ކޭތައާ ގުޅިގެން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކޭތަ ނަމާދު ކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭގެ ގަޑިން މާދަމާ ރޭ 08:28 ގައި ކަމަށާއި، އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މާދަމާ ރޭ 11:11 ގައި ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ކޭތަ ވީއްލާނީ ރާއްޖެ ގަޑިން މާދަމާ ރޭ މެންދަމު 01:55 ގައި ކަމަށެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި މާދަމާ ރޭ 11:12ގައި ކޭތަ ނަމާދު ކުރާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މާދަމާ ރޭ ހިފާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ، ފުރިހަމަ ހަނދުކޭތަ އޭޝިއާ އާއި ޔޫރަޕުގެ އިތުރުން އެފްރިކާ ސަރަހައްދަށް ވެސް ފެންނާނެއެވެ. މި ހަނދުކޭތައާއެކު “ބްލަޑް މޫން”އެއް ފެންނާނެ ކަމަށް ފަލަކީ ޢިލްމުވެރިން ވަނީ ބުނެފައެވެ.

ހަނދުކޭތަ ހިފަނީ އިރާއި ހަނދާ ދެމެދަށް ދުނިޔެ ހުރަސްވެ، ބިމުގެ ހިޔަނި ހަނދަށް އެޅުމުންނެވެ. މާދަމާ ރޭ ހިފާ މި ހަނދުކޭތަ ލޭ ކުލައިން ފެނިގެންދާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފުރިހަމަ ހަނދުކޭތައެއް ފެންނާނެއެވެ.

އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީއެވެ.



ކިޔުންތެރިންގެ ހިޔާލު