ދޮންފަނު މުޒާހަރާ
ދޮންފަނު މުޒާހަރާ
ބ. ދޮންފަނު ބިން ނުހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވުމާ ގުޅިގެން ދޮންފަނުގެ ރައްޔިތުން އެރަށުގައި މުޒާހަރާކުރަން ފަށައިފިއެވެ.

އެރަށު ރައްޔިތުން މުޒަހަރާ ކުރަމުންދަނީ ކައުންސިލް ކައިރީގައެވެ.

މިއަދު ހެނދުނު ރައީސް ވިދާޅުވީ ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަން އެގްރީމަންޓްގައި މިދިޔަ މަހު ސޮއިކުރި ނަމަވެސް މިހާރު އެ ރަށު ރައްޔިތުން ބިން ހިއްކަން ބޭނުންނުވާތީ އެ މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމަށެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިންނާއި އެރަށު ކައުންސިލުންވެސް ބުނެފައިވަނީ، ރައީސް އެ ނިންމެވުން ނިންމުމުގެ ކުރިން ރަށުގެ ކައުންސިލާއި މަޝްވަރާކޮށްފައިނުވާ ކަމަށެވެ.

ދޮންފަނު ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން އެފަދަ ނިންމުމެއް ނިންމާފައިވަނީ ކައުންސިލާ މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން ކައުންސިލުން ގޮވާލާފައިވަނީ ރައީސްގެ ނިންމެވުން އަނބުރާ ގެންދެވުމަށެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ދޮންފަނު ބިންހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ. ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުالله މުއްޠަލިބު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު