ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ގައުމުތަކުގެ ސަރުކާރުތަކަށް ހެޔޮ ވެރިކަމެއް ގާއިމު ނުކުރެވިއްޖެނަމަ، ނޭޕާލެކޭ އެއްފަދައިން މުޒާހަރާތައްް އެހެން ގައުމުތަކުންވެސް ފެނިގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޭޕާލުގައި ކޮރަޕްޝަން ހައްދުފަހަނައަޅައި ދިޔުމުންނާއި، އެގައުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް 'ބޭން' ކުރުމުން އެގައުމުގެ ރައްޔިތުން ދަނީ މުޒާހަރާކުރަމުންނެވެ. މިމުޒާހަރާތައް އިތުރަށް ހޫނުވީ ފުލުހުން ބާރުގެ ބޭނުންކޮށްގެން މުޒާހަރާގެ ބައެއް ބައިވެރިންގެ ގަޔަށް ބަޑި ޖެހައި މެރުމުންނެވެ.

މުޒާހަރާތައް އިތުރަށް ހޫނުވެ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހާއި، ބޮޑުވަޒީރު ކޭޕީ ޝަރްމާގެ ގެކޮޅުގައި ވަނީ ހުޅުޖަހައިފައެވެ. އަދި ޒުވާނުންގެ މުޒާހަރާތަކުގެ ސަބަބުން އެގައުކުގެ ޕްރައިމް މިނިސްޓަރުގެ އިތުރުން ރައީސް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ނޭޕާލުގައި ކުރިއަށްދާ މުޒާހަރާތަކަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކޮރަޕްޝަނާއި، ސަރުކާރުތައް ހިންގާ ގޮތުންނާއި، ހައްދުފަހަނައަޅާފައިވާ މިންވަރުގެ ދަރަނިތަކުގެ ސަބަބުން ރައްޔިތުން ސަރުކާރުތަކާމެދު ނުރުހުން ފާޅުކުރަމުންދާ ކަމަށެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކަށް އެބައިމީހުންގެ ދަރަނިތައް އަލުން އެކުލަވައިނުލެވި، އަދި ރަނގަޅު ވެރިކަމެއް ނުގެނެވިއްޖެނަމަ، އިތުރު ގައުމުތަކުން އިހުތިޖާޖުތައް ފެންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދުނިޔެ މިކަމަށް ހޭލަންވެއްޖެ ކަމަށާއި، ނޫނީ އިތުރު ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު