ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހް ހަދަނީ ދޮގު ކަމަށާއި، މީޑިއާ ބިލު މިހާރު ފަރުމާ ކޮށްފައި އޮތްގޮތުން މީސްމީޑިއާ ބޭނުންކުރާ ކޮންމެ ރައްޔިތަކަށްވެސް ބިރުވެރިކަން އެބައޮތް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ފަހަތުގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހުން ފާސްވި ނަމަވެސް މީސް މީޑިއާ އެކައުންޓްތައް ބަންދު ނުވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފަލާޙަށް ރައްދު ދެއްވަމުން އައްބާސް ވިދާޅުވެފައިވަނީ، ޕީއެންސީގެ ޕާލަމެންޓު މެންބަރުންނަށް ބިރުދައްކައި، މަޖުބޫރުކޮށްގެން ކޮންމެ ދުވަހަކު އެކި ޓީވީ ޗެނަލްތަކަށް އަރުވައިގެން ރައްޔިތުންނަށް ބުހުތާނު ދޮގު ހެއްދެވިޔަސް މިހާރު ބިލުގައި އެއޮތްގޮތަށް ފާސްވެއްޖެ ނަމަ ސޯޝަލްމީޑިއާ ބޭނުންކުރަށްވާ ކޮންމެ ރައްޔިތަކައްވެސް ބިރުވެރިކަން އެބައޮތް ކަމަށެވެ.

“ޕީއެންސީގެ ޕީޖީ ލީޑަރު ކަނޑައެޅިގެން ދޮގު ހައްދަވަނީ ޒުވާނުން ގަމާރުންނަށް ހަދައިގެންތޯ؟ މީޑިއާ ބިލުގައި ލިޔެފައި އޮތް އެއްޗެއް ޒުވާނުންނަށް ކިިޔަން ނޭގޭ ހިސާބަށް ދިޔައީކަމަށް ގަބޫލުފުޅު ކުރައްވަނީތޯ؟” އައްބާސް ސުވާލު އުފައްދަވާފައިވެއެވެ.



ހަމައެއާއެކު އައްބާސް ވިދާޅުވީ، މިހާރު އޮތްގޮތަށް ބިލު ފާސްވުމަށްފަހު ސަރުކާރުތަކުން ވައްކަންކުރާ ވާހަކަ ދައްކާ މީހުންނަށް ޤާނޫނީ ގޮތުން ބޮޑެތި އަދަބުތައް ލިބިގެންދާނެ ކަމަށެވެ. އަދި މަކަރުވެރިކަމާއެކު ރައްޔިތުން އަޅުވެތި ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ދެކޮޅަށް ރައްޔިތުން ސުލްހަވެރި ކަމާއެކު އަޑު އުފުލާ ބަސްބުނަން ނިކުނަންޖެހޭ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

“ރައްޔިތުންގެ އަނގަ ބަންދުވެ ދައުލަތުގެ އެކި މަޤާމްތަކުގައި ތިއްބެވި ބޮޑެތި ވަގުން ހިމާޔަތްކުރެވި، ރައްޔިތުންގެ ފައިސާއިން ބިރަކާނުލާ އިތުރަށް ވައްކަން ކުރާނެ ދޮރުތައް ހުޅުވިގެންދާނެ!” އައްބާސް ވިދާޅުވެފައިވެއެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު، މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭ ގޮތުން “ހިޔާލާއި ފިކުރު ކަފުނަށް”ނަމުގައި އާޓިފިޝަލް ބީޗުގައި މިރޭ 8:45 ގައި ފޯރަމެއް ބާއްވާނެކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އިޢުލާނު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު