އެމްޑީޕީގެ އިޙްތިޖާޖެއްގެ ތެރެއިން
އެމްޑީޕީގެ އިޙްތިޖާޖެއްގެ ތެރެއިން
އެމްޑީޕީން ހައުސިން މިނިސްޓްރީ ކުރިމަތީގައި މިއަދު އިޙްތިޖާޖް ކޮށްފިއެވެ.

ހައުސިން މިނިސްޓްރީ ހުންނަ ދަރުބާރުގޭ ކުރިމަތީގައި ހުންނަވާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ މިއަދު އެމްޑީޕީން ހައުސިން މިނިސްޓްރީއަށް ދިޔައީ ސަރުކާރުގެ ވައުދުތައް މަތިން ހަނދާން ކޮށްދިނުމަށް ކަމަށެވެ. އަދި ހައުސިން މިނިސްޓަރާ ބައްދަލު ކުރުމަށްވެސް މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް މަޢުރޫފް ވިދާޅުވެފައިވެއެވެ.

“3 މަސްވެގެން ދިޔައިރުވެސް ބައްދަލުވެމެއް ލިބިފައި ނުވާތީ އަޅުގަނޑުމެން މިއަދު މިތަނަށް އަންނަން މަޖުބޫރުވީ. ބޭރުގަ ތިބެގެން މިނިސްޓަރާއި ބައްދަލު ކުރަން އެދުމުން އެކަން ވާގޮތެއް ނުވި. އެތެރެއަށް ވަނީމަ ބައިގަޑިއިރެއްހާއިރު ފަހުން ވިދާޅުވީ، އެއްވެސް ބޭފުޅަކު މިހާރު ބައްދަލުކުރެވޭ ފެންވަރުގައެއް ނެތޭ. އެ ބޭފުޅުން ވަލު ދޮރާށިން ނިކުމެގެން ހިނގައްޖޭ.” މައުރޫފް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީ ކުރިމައްޗަށް މިއަދު އެއްވި އެމްޑީޕީގެ ސަޕޯޓަރުން ގޮވާލާފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެމްޑީޕީގެ ސަރުކާރުން ދޫކުރި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަވަސްކޮށް ދެފުށްފެންނާނެ ގޮތަކަށް ކުރިއަށް ގެންގޮސް ދިނުމަށެވެ.

ހަމައެއާއެކު ފްލެޓްތަކުގެ އަގުވެސް އެމްޑީޕީގެ ސަރުކާރުން ކަނޑައެޅި ވަރަށް ތިރިކޮށް، ފްލެޓްތަކުން ނަގަން ނިންމާފައިވާ އެޑްވާންސް ފައިސާ ނެގުން ހުއްޓާލުމަށާއި، ރައީސް މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ގުޅީފަޅު، ގިރާވަރުފަޅު އަދި ހުޅުމާލޭން ދޫކުރާ ގޯތި ހަވާލުކޮށް ސަރުކާރުގެ ހަރަދުގައި ގެދޮރު އަޅައިދިނުމަށްވެސް. އިޙްތިޖާޖްގެ ބައިވެރިން ގޮވާލާފައިވެއެވެ.

އެމްޑީޕީން މިއަދު ހައުސިން މިނިސްޓްރީ ކުރިމަތީގައި އިޙްތިޖާޖް ކޮށްފައިވާއިރު، އަންނަ މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު އިޙްތިޖާޖެއް ބޭއްވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު