ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް
ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ފާސްކުރަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ގަދަބަސް ވިދާޅުވެއްޖެއެވެ.

މުޙައްމަދު މިހެން ވިދާޅުވެފައިވާއިރު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ ސަރުކާރު އަޑީގައި އޮވެގެން ހުށައެޅި ބިލެއްކަމަށް ނޫސްވެރިކަމުގައި ޙަރަކާތްތެރިވާ އިސްފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެފަދަ ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން މުޙައްމަދު ވިދާޅުވީ، މީޑިޔާ ބިލްގައި މައްސަލައެއްނެތް ކަމަށާއި، ބިލް ވުޖޫދުން ފޮހެލަން ބޭނުންވަނީ އެމްޑީޕީގެ ބައެއް މެންބަރުން ކަމަށެވެ.

“ހިލާ ތިކަމެއް ނުވާނެ. ރައްޔިތުން ބޭނުންވާ ގޮތަށް ބިލްފާސްކުރާނަން. ދިވެހި ރައްޔިތުންގެ ސުޕަމެޖޯރިޓީ ގަބޫލްކުރަނީ މިފަދަ ބިލެއް ގާނޫނަކައް ވެގެން އަންނަން ޖެހޭ ކަމަށް.” މަޖިލީހުގައި ސުޕަރ މެޖޯރިޓީ ކޮންޓްރޯލްކުރާ ޕީއެންސީގެ މެންބަރު މުޙައްމަދު ވިދާޅުވެފައިވެއެވެ.

މުޙައްމަދު މިހެން ވިދާޅުވެފައިވާއިރު، މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭ ގޮތުން “ހިޔާލާއި ފިކުރު ކަފުނަށް”ނަމުގައި އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ފޯރަމަށް ޢާއްމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

ބިލާ ދެކޮޅަށް މީޑިއާތަކުން އަޑުއުފުލަމުން ދާއިރު، މީޑިއާ ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ލިބޭގޮތަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލާމެދު މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވަނީ ވިދާޅުވެފައެވެ.

އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ. ހަމައެހެންމެ، މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

އޭގެއިތުރުން، މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.

ބިލު ދިރާސާކުރާ ކޮމެޓީން ނިންމާފައިވަނީ މީޑިއާ ކޮންޓްރޯލް ކުރާ ބިލު މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށެވެ.



ކިޔުންތެރިންގެ ހިޔާލު