ކެންދޫދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން
ކެންދޫދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން
ޤައުމު މިޙާލަތަށް އައީ އިންސާފުގެ ދަތުރުގައި އިންސާފު ހޯދައި ނުދެވުމުން ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން އިދިކޮޅު އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރ ކަމުގެ މަޤާމް އަދާކުރެއްވި ދުވަސްވަރު އެމަނިކުފާނުގެ އެކައުންޓަށް ފައިސާތަކެއް ވަދެފައިވާ ކަމަށް ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ރިޕޯޓް ކޮށްފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން ޢަލީ ޙުސައިން ވަނީ، ރައްޔިތުން 2018 ގައި އެމްޑީޕީއާއި ވެރިކަން ޙަވާލުކުރި މަޤްސަދު ހަނދާން ކޮށްދެއްވާފައެވެ. އަދި ރައްޔިތުންގެ އެ އުންމީދުތައް އެމްޑީޕީއަށް ފުރިހަމަކޮށް ނުދެވުނު ކަމަށް މޭރުންވާފަދަ ގޮތަކަށް ޢަލީގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

“ކުރީ ސަރުކާރުން މި މައްސަލަ ބަލާ ފިޔަވަޅު ނޭޅުން އެއީ މާ ބޮޑު މައްސަލައެއް. އިންސާފުގެ ދަތުރުގައި އިންސާފު ހޯދައިދެވުނުނަމަ މިވާހަކަ އިތުރަށް ދައްކާކަށް ނުޖެހުނީސް. މި ހާލަތަށް ގައުމު ނުވެސް އައީސް.” ޢަލީ ޙުސައިން ވިދާޅުވިއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ވެރިކަމުގައި ރައީސް މުޢިއްޒުގެ ބައެއް މައްސަލަތައް ބެލުމަށް މަޖިލީހުގެ ކޮމިޓީތަކަށް ޙާޟިރުކޮށް ސުވާލު ކުރުން ފިޔަވައި އިތުރު ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. އެގޮތުން ބެލި މައްސަލަތަކުގެ ތެރޭގައި ނޫމަޑި މައްސަލަވެސް ހިމެނެއެވެ.

ނަމަވެސް ރައީސް މުޢިއްޒު ވަނީ އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީގެ ކެނޑިޑޭޓު ބޮޑުތަނުން ބަލިކުރަށްވައި މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ވަޑައިގެން ސިޔާސީ ގޮތުން ބާރާއި ނުފޫޒު ހޯއްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު