ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ޙުސައިން ފިރުޝާން
ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ޙުސައިން ފިރުޝާން
ދިވެހިންނަކީ ލިޔަންކިޔަން ނުދަންނަ ގަމާރު ބައެއްގެ ގޮތުގައި ސަރުކާރުން ދަނީ ސިފަކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝާން މިހެން ވިދާޅުވެފައިވާއިރު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ ސަރުކާރު އަޑީގައި އޮވެގެން ހުށައެޅި ބިލެއްކަމަށް ނޫސްވެރިކަމުގައި ޙަރަކާތްތެރިވާ އިސްފަރާތްތަކުން ދަނީ ބުނަމުންނެވެ.

ނޫސްވެރިންގެއެ ވާހަކަތަކަށް ބާރު ދެއްވަމުން ފިރުޝާން ވިދާޅުވީ، އަމިއްލަ މެމްބަރެއް ހުށަހަޅާފައިވާ ބިލެއްގެ ދިފާޢުގައި މުޅި ސަރުކާރު ޑިފެންސަށް ފައިބާފައިވާ ކަމަށެވެ. އަދި މީޑިއާ ބިލުގައި ލިޔެފައި އޮތް އެއްޗެއް އޮޅުވާލުމަށް މުޅި ސަރުކާރުން މަސައްކަތް ކުރަނީ ލަދެއް ނެތުމުން ކަމަށްވެސް ފިރުޝާން ވިދާޅުވެފައިވެއެވެ.

“ދިވެހިންނަކީ ލިޔަން ކިޔަން ނުދަންނަ ތަންދޮރު އޮޅުން ނުފިލާތިބި ގަމާރު ބައެއްގެ ގޮތުގައި ތިޔަ ސިފަ ކުރަނީ ލަދެއް ހަޔާތެއް ނެތީމަ.” ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން މިހެން ވިދާޅުވެފައިވާއިރު މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭ ގޮތުން “ހިޔާލާއި ފިކުރު ކަފުނަށް”ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ފޯރަމަށް ޒުވާނުންނާއިޢާއްމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

ބިލާ ދެކޮޅަށް މީޑިއާތަކުން އަޑުއުފުލަމުން ދާއިރު، މީޑިއާ ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ލިބޭގޮތަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލާމެދު މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވަނީ ވިދާޅުވެފައެވެ.

އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ. ހަމައެހެންމެ، މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

އޭގެއިތުރުން، މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު